Last Updated: June 29, 13:09
Monday, June 29, 2026
ކުޅިވަރު

"މެޗް ބަލަން ބޭނުން، ޓިކެޓްތައް ކޮބާ؟"

އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގެ މެޗްތައް ބަލަން ދަނޑަށް ވަންނަ ޓިކެޓް އެސްޓިއޯ އިން ގަނެފައިވާ އިރު ޓިކެޓްތަަކަށް ވީނުވީއެއް ނޭނގި އެތައް ބަޔަކު ސްޓޭޑިއަމް ގޭޓް ކައިރީ ކިއު ހަދައިފި އެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި މީހަކު ބުނީ ޓިކެޓް ހޯދަން އެސްޓިއޯއަށް ދިޔައިރު އެތަނުން ޓިކެޓް ލިބެންނެތް ކަމަށެވެ. އަދި މެޗް ފެށުމުގެ ކުރިން ސްޓޭޑިއަމް ގޭޓުން ޓިކެޓް ލިބޭނެ ކަމަށް ބުނެ ފޮނުވާލާފައިވާ ކަމަށެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ޓިކެޓް ކަންތަކާއި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ރަޝީދު (ސަތޯ) ބުނީ އެސްޓިއޯއަކު ން 8000 ޓިކެޓް ނުގަންނަ ކަމަށެވެ، އަދި އެސްޓިއޯއިން ގަނެފައިވަނީ މެޗަކަށް 700 ޓިކެޓް ކަމަށެވެ.

"އަޅުގަނޑު އެސްޓިއޯ އާއި ޓިކެޓް ހަވާލު ކުރީ، ހަވާލު ކުރީ 700 ޓިކެޓް. ދަނޑުގެ ކެޕޭސިޓީ އަކީ 1000 މީހުންގެ ޖާގަ. އޭގެ ތެރެއިން 300 ޓިކެޓް އަކީ ޓީމްތަކަށާއި އޭއެފްސީގެ ބޭނުމަށް ހުރި ޓިކެޓް"

އިތުބާރު ހުރިގޮތަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިކެޓްތައް ވަނީ ގަނޑުކޮށް އެކި މީހުންނަށް ބަހާފައެވެ. އެކަމުގައި ސަތޯގެ އިސްދައުރެއްވާ ކަމަށް މައުލޫމާތު ލިބެއެވެ.

"މިފެންނަނީ އެކި މީހުންނާއި ސަލާމްކޮށް މުށުތެރޭގައި ސަތޯ ޓިކެޓް ތައް ލައްވާތަން. އެކަމަކު ޓިކެޓެއް ނެތް. ވަކި ބަޔަކަށް ޓިކެޓް ދީފި. ނޫނީ ޓިކެޓަށް ކޮންމެވެސް އެއްޗެއް ހަދައިފި. މީ ބޮޑު ކަރަޕްޝަން ގަނޑެއް" ސްޓޭޑިއަމް ބޭރުގައި މެޗް ބަލަން އައިސް ހުރި ހިތަދޫ ޒުވާނަކު ބުންޏެވެ.

މިރޭގެ މެޗް 10އަކަށް ފަސްވެފައިވާ އިރު ޓިކެޓް ލެބޭތޯ އަދިވެސް މީހުންތައް ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު ހަވީރުގެ މެޗް ތެރެއިންވެސް ކުޅިބަލަން ހާޒިރުވެ ތިބި ބަޔަކު ވަނީ ސަތޯ ޓިކެޓް "ކަޓުވާލާފައިވާ" ކަމަށް ބުނެ އަޑުއުފުލާފައެވެ.

މިރޭގެ މެޗް ޝަރަފްވެރި ކޮށްދެއްވުމަށް ރައީސް ޔާމީން އަބްދުލް ގައްޔޫމް އާއި ޔޫތު މިނިސްޓަރ މަލީހް ޖަމާލް އާއި ބައެއް މިނިސްޓަރުން ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.