Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ރައީސް ކޮޅުފުއްޓަށް ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މ.ކޮޅުފުށްޓަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުންވެސް މިދަތުރުފުޅުގައި ރައީސް ސޯލިހް، ކޮޅުފުށީ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކޮޅުފުށްޓަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައިސް ސޯލިހް މިއަދު ހަވީރު މާލެ ވަޑައިގަންނަވާނެއެވެ.