Last Updated: April 20, 14:49
Saturday, April 20, 2024
ކުޅިވަރު

ފިލިިޕްސް މާ ބޮޑަށް ފަލަވެއްޖެ، ނުކުޅެވޭ

ވޯލްޑް ކަޕަށް ފަހު އިނގިރޭސި މިޑްފީލްޑަރު ކަލްވިން ފިލިޕްސް އޭނަ ކުޅޭ ކުލަބް މެންޗެސްޓާ ސިޓީއާ އަލުން ގުޅުނު އިރު، މާ ބޮޑަށް ފަލަވެފައިވާ ކަމަށް ބުނެ އެ ޓީމްގެ ކޯޗްގެ ފަރާތުން ފާޑުކިޔުންތަކެއް އަތުވެއްޖެ އެވެ.

ކޯޗް ޕެޕް ގާޑިއޯލާ ބުނީ ފިލިޕްސް މިހާރު ހުރީ މާ ބޮޑަށް ފަލަވެ، ބަރުހެލިކޮށް ކަމަށާއި އޭނަ ހުރީ ކުޅެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އެހެންވެ އިނގިރޭސި ލީގް ކަޕްގައި ފުލް ޓީމަށް ކުޅުމުގެ ފުރުސަތު ވެސް 27 އަހަރުގެ ފިލިޕްސް އަށް ދީފައެއް ނުވެ އެވެ.

ގާޑިއޯލާ ބުނީ ފިލިޕްސް އަކީ ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު އޭނަ މި ވަގުތު ހުރި ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބުންޏެވެ.

"އޭނައަކަށް ނުކުޅެވޭ. އެކަމަކު އަނިޔާއެއްވެފައެއް ވެސް ނެތް. މައްސަލަ އަކީ ވޯލްޑް ކަޕް ނިންމާފައި އައި އިރު، މާ ބޮޑަށް ފަލަވެފައި ހުރީމަ،" އޭނާ ބުންޏެވެ. "އެކަމަކު އަހަންނަކަށް ނޭނގޭ އެއީ ކީއްވެ ކަމެއް."

ގާޑިއޯލާ ބުނި ގޮތުގައި ފިލިޕްސް ބަރުދަން ލުއިކުރުމުން ކުރިއެކޭ އެއްގޮތަށް މެންޗެސްޓަ ސޮޓީން އޭނަގެ ބޭނުން ހިފާނެ އެވެ. އަދި އެ ވާހަކަ އޭނަ ގާތު ދައްކާފައިވާ ކަމަށް ވެސް ބުންޏެވެ.