Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޖަމިއްޔާތަކެއް އަފްގާނިސްތާންގައި ހުއްޓުވައިފި

ބޭރުގެ އަމިއްލަ ޖަމިއްޔާތަކުގައި މަސައްކަތްކުރާ އަފްގާނިސްތާނުގެ ބައެއް އަންހެނުން އިސްލާމީ އުސޫލާ އެއްގޮތަށް ހެދުން ނާޅާ ކަމަށް ބުނެ ޖަމިއްޔާ ޖަމާއަތްތަކުގައި އަންހެނުން މަސައްކަތް ކުރުން ހުއްޓުވުމަށް ފަހު، ބޭރުގެ ޖަމިއްޔާތަކެއްގެ މަސައްކަތްތައް ވެސް އެ ގައުމުގައި ހުއްޓުވައިފި އެވެ.

އެކި ގޮތްގޮތުން އެ ގައުމަށް އެހިވަމުން އައި ބޭރުގެ ހަތަރު ޖަމިއްޔާއެއް ތާލިބާނުންގެ ސަރުކާރުން އިއްޔެ ވަނީ ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސޭވް ދަ ޗިލްޑްރެން އާއި ނޮވޭޖިއަން ރެފިއުޖީ ކައުންސިލްގެ އިތުރުން ކެއާ އިންޓަނޭޝަނަލްގެ އިތުރުން އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރްސީ) އެވެ.

ސޭވް ދަ ޗިލްޑްރެން އާއި ނޮވޭޖިއަން ރެފިއުޖީ ކައުންސިލްގެ އިތުރުން ކެއާ އިންޓަނޭޝަނަލް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އަފްގާނިސްތާނުގެ ވަރަށް ގިނަ ބަޔަކު ތިބީ އެކި ގޮތްގޮތުން އެހީ ބޭނުންވާ ހާލަތެއްގައި ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހު ތާލިބާންގެ ބާރުގެ ދަށަށް އެ ގައުމު ދިޔަ ފަހުން އެހީ ފޯރުކޮށް ދިނުމުގައި އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އަދި މިހާރު ޖަމިއްޔާތަކުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.

އައިއާރްސީ ބުނި ގޮތުގައި އޭގައި އަފްގާނިސްތާނުގެ 8،000 އެއްހާ މީހުން މަސައްކަތްކުރާ އިރު، 3،000 މީހުންނަކީ އަންހެނުންނެވެ. އެހެންވެ އަންހެނުންނަށް ޖަމިއްޔާތަކުގައި މަަސައްކަތްކުރުމުގެ ހައްގު ނިގުޅައި ގަތުމަކީ އެ ގައުމުގެ ހާލަތު އިތުރަށް ދަށް ގޯސްވާނެ ކަމެއް ކަމަށް ބުންޏެވެ.

ނަމަވެސް ތާލިބާނުންގެ ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ އުސޫލުތަކަށް ތަބާނުވާ ނަމަ އެ ޖަމިއްޔާތައް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ތާލިބާނުން ވަނީ އަންހެނުން ޔުނިވަސިޓީތަކަށް ދިއން ވެސް މަނާކޮށްފަ އެެވެ. އަންހެނުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތްކުރުން ހުއްޓުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.