Last Updated: June 12, 22:51
Friday, June 12, 2026
މުނިފޫހިފިލުވުން

"ކަމީނޭ 2" ގެ ވާހަކައެއް ނުދެކެވޭ: އިމްރާން

ވިޝާލް ބަރަދްވާޖް 2009 ވަނަ އަހަރު ގެނެސް ދިން ކާމިޔާބް ފިލްމް "ކަމީނޭ" ގެ ސީކްއެލް "ކަމީނޭ 2" ހަދަން އުޅޭ ވާހަކަ ފެތުރެމުން ދިޔަ ނަމަވެސް އެ ފިލްމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށް އިމްރާން ހާން ބުނެފި އެވެ.

"ކަމީނޭ 2" އަށް އިމްރާން ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ވެސް، ވިޝާލްގެ އާ ފިލްމް "މަތުރު ކީ ބިޖިލީ ކާ މަންޑޯލާ" ގައި ލީޑް ރޯލް ކުޅެފައިވާ އިމްރާން ދޮގު ކުރެ އެވެ.

"މިހާތަނަށް ކަމީނޭ 2 އާ ބެހޭ ގޮތުން ވިޝާލް ސާ އެއްވެސް ވާހަކަައެއް ދައްކައިފައެއް ނެތް. އެކަމަކު ކުރިއަށް އޮތް ތަނުގައި ވެސް ވިޝާލް އާ އެކު މަސައްކަތް ކުރަން ބޭނުން،" ޒުވާން އެކްޓަރު ބުންޏެވެ.

"ކަމީނޭ" އަކީ ވިޝާލް މިހާތަަނަށް ގެނެސް ދިން ފިލްމްތަކުގެ ތެރެއިން ވަރަށް ތަފާތު ސްޓައިލަކަށް ޝާހިދު ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ ހިމަނައިގެން ގެނެސް ދިން ފިލްމެކެވެ. އެ ފިލްމްގައި ކިޔައި ދެނީ ވަކިވެފައިވާ އެއްމާބަނޑު ދެބެންގެ ވާހަކަ އެވެ.