މި މަހު ރިލީޒްކުރި ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް ލިބުނު އާމްދަނީ 10 ދުވަހުގެ ތެރޭގައި 850 މިލިއަން ޑޮލަރަށް އަރައިފި އެވެ.
މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ފިލްމު މި މަހުގެ 16 ގައި ރިލީޒްކުރި ފަހުން، އިއްޔެއާ ހަމައަށް ލިބުނު ޖުމްލަ އާމްދަނީ އެވެ. "އެވަޓާ 2" އަށް އުތުރު އެމެރިކާ އިން އެކަނި އިއްޔެއާ ހަމައަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 253.7 މިލިއަން ޑޮލަރެވެ. އަދި މި ފިލްމުވެފައި ވަނީ މި އަހަރު ފަސް ވަނަ އަށް ވިޔަފާރި އެންމެ ރަނގަޅު ފިލްމަށެވެ.
ކެމަރޮން 2009 ގައި ގެނެސްދިން "އެވަޓާ" ގެ ސީކްއެލް އަށް ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު، އަހަރުގެ ނިމުމުގެ ކުރިން ފިލްމުގެ އާމްދަނީ ބިލިއަނަކަށް އަރާނެ ކަމަށް ހޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މި އަހަރުގެ މިހާތަނަށް އައި އިރު، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރީ އެންމެ ދެ ފިލްމެވެ. އެއީ ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" އާއި ކްރިސް ޕްރެޓްގެ "ޖުރަސިކް ވޯލްޑް ޑޮމިނަން" އެވެ.
ޖުމްލަ 170 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓޮޕް ގަން: މެވެރިކް" އަށް 1.488 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި 185 ބިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޖުރަސިކް ވޯލްޑް ޑޮމިނަން" އަށް 1.003 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
"އެވެޓާ: ދަ އޮފް ވޯޓާ" އަށް އޮތް އެއް ޕްރެޝަރަކީ މީގެ ފުރަތަމަ ބައި ހަދާފައި އޮތް ރެކޯޑް މުގުރުމެވެ. ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ޖުމްލަ 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި މިއީ ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.
"އެވަޓާ: ވޭ އޮފް ވޯޓާ" އަކީ 460 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.