Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އެއްބައިވަންތަކަމަށް ހިދުމަތް ހަމަހަމަކުރަން ޖެހޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

އެއްބައިވަންތަ ކުރެވޭނީ ހިދުމަތްދިނުމުގައި ތަފާތު ނުކޮށް ހަމަހަމަކަން ގާއިމުކޮށްގެން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މ. ކޮޅުފުށީގައި ބެއްވި ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފައިވާއިރު ސުނާމީގައި ކުރެވުނު ތަޖުރިބާ ހިއްސާ ކުރައްވާފައިވެއެވެ.

"ކަން ދިމާކުރި ގޮތުން، އަޅުގަނޑަށްވެސް އެ ދުވަހު ހުރެވުނީ އާއިލާއާ އެކުގައި އަޅުގަނޑުގެ އުފަން ރަށުގައި. ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފައިބައިގެން ދިޔައިރުގައި، މުޅި ރަށް އޮޔައިގެން އެދިޔަގޮތް އެއީ، އެ ދުވަހު އެތާހުރި މީހަކަށް ނޫނީވިއްޔާ އިޙްސާސް ކުރެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި، މުޅި ޢާއިލާ އެ ދުވަހު ތިބީ ރަށުގައި. އަޅުގަނޑުގެ ދޮށީ ދަރިފުޅު 9 އަހަރުގެ ސާރާ އިނީ ގޭ ކުރިމަތީގައި ހުރި ގަހެއްގައި. 7 އަހަރުގެ ފިރިހެން ދަރިފުޅު ހުރީ ފާރެއްގެ މަތީގައި. މަންމައާއި ހުރިހާ ކޮއްކޮއިން ރަށުގައި ތިބީ. މުޅި ޢާއިލާ އެކީގައި އޮތް. އަޅުގަނޑު ހިތުން ކޮޅުފުށްޓަށް އެދުވަހު އެ ވެގެންދިޔަގޮތް އެއީ، އަދި އަޅުގަނޑުމި ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި، މާބިރުވެރި، މާ ދަތި ދުވަހެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސުނާމީގައި އެކި ގޮތްގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމުގައި ވެސް، އަދި ވީރާނާވެގެންދިޔަ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި ވެސް، ދިވެހިންގެ އެންމެ ވަރުގަދަ ވަސީލަތަކަށްވީ އެއްބައިވަންތަކަން ކަމަށެވެ. އެ ދުވަހު ދިވެހިން ސާބިތުކޮށްދިނީ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން، ކިތަންމެ ބޮޑު ގޮންޖެހުމެއް ވެސް ހުރަސްކުރެވިދާނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެސް ތިމާވެށީގެ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އަދި އެ ގޮންޖެހުންތައް ހުރަސްކުރުމަށްޓަކައި، ރާއްޖޭގެ މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް މިއަދު ދޭން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެއްބައިވަންތަކުރެވޭނީ ހިދުމަތް ދިނުމުގައި، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަކަން ޤާއިމުކޮށްގެން ކަމަށެވެ. އެގޮތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ވަކި ރަށެއް ތަފާތުނުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ފެށީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ހިދުމަތް ޤާއިމުކޮށްދިނުމަށްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް ބަނދަރުތައް ހަދަނީވެސް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކަމަށެވެ. އަދި އަތޮޅުތަކުގައި ދަތުރުފަތުރުގެ ހިދުމަތް ފުރިހަމަކުރަމުން އަންނަނީވެސް މުޅި ރާއްޖޭގައި އެ ހދުމަތް ދިނުމަށް ކަމަށެވެ.