ސިޔާސީ ލީޑަރުން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިވުން އިތުރުކުރުން ހުއްޓާލަން ޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމްއިން ބުނެފިއެވެ.
އެމްއާރްއެމްއިން މިފަދައިން ބުނެފައިވަނީ "ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ" މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ، މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން އަޅުގަނޑުމެން އިބްރަތް ލިބިގަންނަން ޖެހޭކަމަށެވެ.
"އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަމެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ހަމަ އެގޮތުން، އެއްބައިވަންތަ ކަމަކީދަތި އުދަގޫ ވަގުތުތަކަށް އެކަނި ޚާއްޞަ ސިފައެއް ނޫންކަންވެސް ހަނދާން ކުރަން ޖެހެއެވެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރްްއެމްއިން ބުނެފައިވަނި ދިވެހި ރައްޔިތުންނާއި ޤައުމަށް އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަން ކަމަށެވެ.
މީގެއިތުރުން އެމްއާރްއެމްއިން ބުނެފައިވަނީ، މިއަދު އެންމެން ސަމާލްވެ ތިބެންޖެހޭ އެއްކަމަކީ، ސިޔާސީ ކަންކަމާމެދު އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ބައިބައިވުމާ މެދު ކަމަށެވެ. ސިޔާސީ ޚިޔާލު ތަފާތުވުންތައްވެސް ބަހައްޓަން ޖެހެނީ ވަކި އިމެއްގެ ތެރޭގައިކަން ޤަބޫލު ކުރަން ޖެހޭ ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
"އަދި ސިޔާސީ ލީޑަރުންވެސް، އަމިއްލަ ކުރިއެރުމަށްޓަކާ، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ، ބައިބައިވުން އިތުރު ކުރުންވެސް ހުއްޓާލަން ޖެހެއެވެ. ޤައުމަށް ހެޔޮއެދޭ މީހަކު ރައްޔިތުން ބައިބައި ކުރަން މަސައްކަތެއް ނުކުރާނެކަން ޔަޤީނެވެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
ސުނާމީ ކާރިސާ ހިނގިފަހުން 18 އަހަރު ފުރިފައިވާއިރު މި ހާދިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.