Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަނުޝްކާ ކްރިކެޓް ފިލްމު ނިންމާލައިފި

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ދަރިއަކު ލިބުނު ފަހުން ސޮއިކުރި ފުރަތަމަ ފިލްމު "ޗަކްދާ އެކްސްޕްރެސް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި އަހަރު ކުރީކޮޅު އިއުލާންކޮށް މަސައްކަތް ފެށި މި ފިލްމަކީ އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި، ޖޫލާން ގޮސްވާމީ އަށް ބިނާކޮށް ހަދާ އެއްޗެކެވެ. އެގޮތުން "ޗަކްދާ އެކްސްޕްރެސް" ގައި މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ފެންނާނީ ޖޫލާންގެ ރޯލުންނެވެ. "ޗަކްދާ އެކްޕްރެސް" އަކީ އަނުޝްކާ އާއިލީ ފިލްމު ކުންފުނި، ކްލީން ސްލޭޓް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން ހަދާ އެއްޗެކެވެ.

މީގެ ޝޫޓިން ނިންމާލި ވާހަކަ، މިއަދު ފޮޓޯތަކަކާ އެކީ އަނުޝްކާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ބެލުންތެރިންނަށް ދޫކޮށްލާނެ އިރެއް އަދި އިއުލާން ނުކުރާ "ޗަކްދާ އެކްސްޕްރެސް" ގެ ޑައިރެކްޓަރަކީ ކްލީން ސްލޭޓުން ޕްރޮޑިއުސްކޮށް، އަނުޝްކާ ކުޅުނު 2018 ގެ ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ.

އަނުޝްކާގެ ބޮޑު ރޯލެއް އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާނާއި ކެޓްރީނާ ކައިފާ އެކީ ކުޅުނު 2018 ގެ "ޒީރޯ" އިންނެވެ. އެކަމަކު މި މަހުގެ 1 ގައި ކްލީން ސްލޭޓް އިން ނެޓްފްލިކްސް އަށް ގެނައި "ގަލާ" ގެ ހާއްސަ ފެނިލުމަކުން ހުނަރުވެރި ބަތަލާ ފެނިފައިވެ އެވެ.