އަންނަ ފެބްރުއަރީ މަހު އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާފައިވާ ފިލްމު "ބީވީމާ" ގެ ޓްރެއިލާ މިރޭ ދައްކާލައިފި އެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓަށް ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 6 ގަ އެވެ. އެހެންވެ ޑާކް ރެއިނުން މިހާރު ވަނީ ފިލްމުގެ ބުކިންސް އަށް ވެސް ހުޅުވާލައިފަ އެވެ.
"ބީވީމާ" އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާ އެކްޓިން އަށް ނުކުންނަ ފިލްމެވެ. މީގެ ކާސްޓްގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަރަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ވެސް ހިމެނެ އެވެ.
"ބީވީމާ" ރާއްޖޭގައި 2020 ގެ ކުރީކޮޅު ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން އެ އަހަރުގެ މާޗްގައި އޮލިމްޕަސް ބަންދުކުރި ފަހުން އެތަނަށް ގެންނަ ފުރަތަމަ ފިލްމެވެ. އެންމެ ފަހުން އެ ސިނަމާގައި ދެއްކި ފިލްމަކީ އަލީ ސީޒަންގެ "އަނދިރިކަން" އެވެ.
ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑާކް ރެއިނުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2019 ގެ ކޮމެޑީ ފިލްމު "މާމުއި" އެވެ.