Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ބްރެންޓްފޯޑް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު ލީގުގެ ކުޅުން މިއަދު ފެށިއިރު މި މެޗުގައި ޓޮޓެންހަމްގެ ގޯލު ބަލަހައްޓާފައިވަނީ ބަދަލު ކީޕަރު ފްރޭޒާ ފޮސްޓާ އެވެ. ވޯލްޑް ކަޕްގެ ފައިނަލުން ބަލިވި ފްރާންސް ޓީމުގައި ހިމެނޭ ޓޮޓެންހަމްގެ އެއް ނަމްބަރު ކީޕަރު ހޫގޯ ލޮރިސް އަދި ޓީމާ ގުޅިފައެއް ނުވެ އެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 16 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. ބްރެންޓްފޯޑް އޮތީ 16 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ވިޓަލީ ޔަނެލްޓް ވަނީ ބްރެންޓްފޯޑަށް ލީޑު ނަގާދީފަ އެވެ. ބްރެންޓްފޯޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޔަނެލްޓް މި ގޯލް ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބްރެންޓްފޯޑުން ނިންމާލިއިރު މެޗުގެ 54 ވަނަ މިނެޓްގައި އައިވަން ޓޯނީ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މިއީ މިފަހަރުގެ ލީގުގައި ޓޯނީ ކާމިޔާބުކުރި 10 ވަނަ ގޯލެވެ.

ދެ ގޯލުގެ ލީޑެއްގައި އޮވެ ބްރެންޓްފޯޑުން ކުޅެމުން ދަނިކޮށް މެޗުގެ 65 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ ޓޮޓެންހަމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ކޭން މި ގޯލް ކާމިޔާބުކުރީ ބްރެންޓްފޯޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. މި ގޯލަށްފަހު ޓޮޓެންހަމުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު އިރު މެޗުގެ 71 ވަނަ މިނެޓްގައި އެމީލް ހޮއިބާގް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ފަހު 15 މިނެޓްތެރޭ ލީޑު ނަގަން ޓޮޓެންހަމުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ކޭން ބޮލުން ފޮނުވާލި ހަމަލާއެއް ބްރެންޓްފޯޑްގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

ލީގުގައި ޓޮޓެންހަމް ދެން ބައްދަލުކުރާނީ އެސްޓަންވިލާއާ އެވެ. ބްރެންޓްފޯޑް ނިކުންނާނީ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށެވެ.