ސްޓެލްކޯގެ އަމާޒަކީ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯގެ އެނުއަލް ޖެނެރަލް މީޓީން މިއަދު ބާއްވާފައިވާއިރު މި ޖަލްސާގައި ވަނީ މިދިޔަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގަށް އަލިއަޅުވާލާފަ އެވެ.
އެގޮތުން، ދުނިޔެއަށް ދިމާވި، ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު، އަދި ދުނިޔެއާއި، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް، ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިކަން ސްޓެލްކޯ އިން ބުނެ އެވެ. އަދި ކޮވިޑްގެ ދަތި ހާލުގައި އެކި ވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި، ރައްޔިތުންނަށް ފޯރުވައިދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އަންނަ އަހަރަށް ސްޓެލްކޯ އިން ލަފާ ކުރާ ބަޖެޓް އޭޖީއެމްގައި ހުށަހަޅާފައިވާއިރު މިއީ ސާރޕްލަސް ބަޖެޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯ އިން ބުނީ ކުންފުނީގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުން ކަމަށެވެ. އަދި ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ވެސް ސްޓެލްކޯގެ އަމާޒެކެވެ.
މީގެއިތުރުން ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމަކީ ވެސް ސްޓެލްކޯގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ ފޭސް 2ގެ މަސައްކަތް ފަށައި، މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މިއަދު ވަނީ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށްވެސް ނިންމާފައެވެ. އަދި އެނާރޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާރޓްސިލާއާއި ގުޅިގެން ކުރަމުންދާ ކަމަށާއި، މި ސިސްޓަމް ގާއިމް ކުރެވުމާއި އެކު، ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން 2020 ވަނަ އަހަރާއި އަޅާބަލާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ އިމްޕްރޫވް ވެފައިވާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) ވަނީ 26 އިންސައްތަ އިމްޕްރޫވްވެފައިވާކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.