ވެސްޓްހަމް ޔުނައިޓެޑް 3-1 އިން ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލުން ހަމަޖެހިލައިފި އެވެ.
ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ ކުޅުނު 15 މެޗުން ލިބުނު 40 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 16 މެޗުން ލިބުނު 33 ޕޮއިންޓާ އެކު އޮތީ ނިއުކާސަލް ޔުނައިޓެޑް ކަމަށްވާއިރު ތިންވަނައިގައި 14 މެޗުން ލިބުނު 32 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ވެސްޓްހަމުންނެވެ. މެޗުގެ 27 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ވެސްޓްހަމަށް މި ގޯލް ކާމިޔާބުކޮށްދިނީ ބެންރަހްމާ އެވެ. މި ޕެނަލްޓީ ވެސްޓްހަމަށް ލިބުނީ އެޓީމުގެ ޖެރަޑް ބޮވެން އަށް އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ކުރި ފައުލަކާ ގުޅިގެންނެވެ.
ވެސްޓްހަމް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 53 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ފަސް މިނެޓްފަހުން ގެބްރިއެލް މާޓިނެއްލީ އާސެނަލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އިރު މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑީ އެންކެޓިއާ އެވެ.
ރޭގެ މެޗު ބެލުމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ސްޓޭޑިއަމްގައި ހުރިއިރު މިއީ 2018 ވަނަ އަހަރު އޭނާ މަގާމުން އިސްތިއުފާ ދިނުމަށްފަހު އާސެނަލްގެ މެޗެއް ބަލާލުމަށް އައި ފުރަތަމަ ފަހަރެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލުން ވަނީ 3-1 އިން އެސްޓަންވިލާ ބަލިކޮށްފަ އެވެ. ލީގުގެ ދެވަނައިގައި އޮތް ނިއުކާސަލް އިން ރޭ ލެސްޓަ ސިޓީގެ މައްޗަށް 3-0 އިން ކުރި ހޯދިއިރު ކްރިސްޓަލް ޕެެލެސް 3-0 އިން ބަލިކުރުމަށްފަހު ފުލަމް ވަނީ ލީގުގެ 8 ވަނަ އަށް ޖެހިލާފަ އެވެ. އަދި ވުލްވްސް އިން ވަނީ ފަހު ވަގުތު 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ.