Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑުން ހޯދަން އުޅުނު ގަކްޕޯ ލިވަޕޫލަށް

މެންޗެސްޓާ ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރި ޕީއެސްވީގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގަކްޕޯ ލިވަޕޫލަށް ބަދަލުވެއްޖެ އެވެ.

ގަކްޕޯ ،23، ގެ ޓްރާންސްފާއާ ގުޅޭގޮތުން ލިވަޕޫލާއި ޕީއެސްވީން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. މި ޓްރާންސްފާ ފުރިހަމަ ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގަކްޕޯ އިނގިރޭސިވިލާތަށް ދިޔުމަށް ހަމަޖެހިފައިވާއިރު އޭނާ އެ ކްލަބާ ރަސްމީކޮށް ގުޅޭނީ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގަކްޕޯ ލިވަޕޫލަށް ބަދަލުވަނީ 50-40 މިލިއަން ޔޫރޯއާ ދެމެދުގެ އަގެއްގަ އެވެ.

ގަކްޕޯ އަކީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އަދި ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ވެސް ލިވަޕޫލާއި ވާދަވެރި ޔުނައިޓެޑުން ގެންނަން ވަރަށް ބޭނުންވި ކުޅުންތެރިއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ސީޒަނުގައި ޕީއެސްވީ އަށް ލީގުގައި ކުޅެދިން 14 މެޗުގައި 9 ގޯލް ކާމިޔާބުކޮށް 12 އެސިސްޓް ހަދާފައިވާ ގަކްޕޯ ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މުބާރާތުގައި އޭނާ ވަނީ ތިން ގޯލް ކާމިޔާބުކޮށްދީ ނެދަލޭންޑްސް މުބާރާތުގެ ކުއާޓާފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.