އިރާންގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް އަލީ ދާއީގެ އާއިލާ ޗުއްޓީއަކަށް ދުބާއީ ދާން އުޅެނިކޮށް އެކަން އިރާނުން ހުއްޓުވައިފި އެވެ.
މި ވަގުތު ދުބާއީގައި ހުރި ދާއީ ބުނީ އޭނަގެ އަންހެނުންން މޯނާ ފާރޯހަޒާރީ އާއި އަންހެން ދަރިފުޅު ނޯރާ ދާއީ އިއްޔެ ދުބާއީ އަށް ދާން ފުރި ފަހުން އެ މީހުން ދަތުރުކުރި ބޯޓް އަލުން ޖައްސައި ބޯޓުން ބާލާފައިވާ ކަމަށެވެ. އެކަމަކު އަންހެނުންނާއި ދަރިފުޅު ދުބާއީ އަށް ދާން ދަތުރު ފެށީ ރަސްމީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު ކަމަށް ބުންޏެވެ.
ނަމަވެސް ބޯޓް ތެހެރާނުން ފުރިތާ ކުޑަ އިރުކޮޅެއް ފަހުން އަލުން ޖައްސައި އަންހެނުންނާއި އަންހެން ދަރިފުޅު ބޯޓުން ބޭލީ އެ މީހުން ގައުމުން ބޭރަށް ދާން ހުރަސް އެޅުމުގެ ގޮތުން ކަމަށް ދާއީ ބުންޏެވެ. އޭނަ ބުނި ގޮތުގައި އެ މީހުން ފުރުން ހުއްޓުވި ސީދާ ސަބަބެއް ވެސް ކަމާބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް ސާފުކޮށް ދީފައެއް ނުވެ އެވެ.
"އާއިލާ އިރާނުން ފިލަން އުޅުނީކީ ނޫން. ކުރު ޗުއްޓީއަކަށް ދުބާއީ އަށް ދާން އުޅުނީ. އެކަމަކު އެކަން މި ވަނީ އިރާނުން ހުއްޓުވާފައި." ދާއީ ބުންޏެވެ.
ދާއީ، 53، އަކީ އިރާންގައި މިދިޔަ ސެޕްޓެމްބަރުން ފެށިގެން ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކަށް ތާއީދުކުރާ މީހެކެވެ. އަދި އެކަމަށް ތާއީދުކޮށް އޭނަ ކުރިން ވާހަކަ ވެސް ދައްކާފައިވެ އެވެ. އެހެންވެ ދާއީ ތުހުމަތުކުރި ގޮތުގައި އޭނަގެ އާއިލާ އިރާނުން ފުރުން ހުއްޓުވީ މުޒާހަރާތަކަށް ތާއީދުކުރާތީ އެވެ.
އިރާންގައި ސެޕްޓެމްބަރު މަހު 16 އިން ފެށިގެން މުޒާހަރާކުރަނީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނަ ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ.
މުޒާހަރާތަކާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު ހައްޔަރުކޮށް، ތަފާތު ދައުވާތައް ވެސް އުފުލާފައިވެ އެވެ. އަދި މުޒާހަރާތަކުގައި އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިގެން ގޮސްފައިވެ އެވެ.