ކޭބަލް ޓީވީގެ ހިދުމަތް ދޭން ތައްޔާރުވަމުން އެސްއެސް ނެޓްގެ ހިދުމަތް މުޅި ރާއްޖެ ވަރަށް އަވަހަށް ހުޅުވައިލަން ތައްޔާރުވާން ފަށައިފި އެވެ.
އެ ކުންފުންޏަކީ ސަން ސިޔާމް މީޑިއާ އިން މެނޭޖްކުރާ ކުންފުންޏެކެވެ. އެސްއެސް ނެޓްވޯކަކީ ރާއްޖޭގެ ފުރަތަމަ މުވާސަލާތީ ކުންފުނި، ދިރާގަށް ދީފައި އޮތް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން އެ ކުންފުންޏަކީ އެ ހިދުމަތަށް ޝަރުތު ފުރިހަމަ ނުވާ ކުންފުންޏެއް ކަމަށް ނިންމުމާ ގުޅިގެން ދިރާގުން ދެމުން އައި ހިދުމަތް، ބަދަލުކޮށް އަލުން ހިދުމަތް ދޭން ފަށާ ކުންފުންޏެވެ. މިކަން ކުރަނީ ދިރާގާއި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމް) ގެ ސަން ސިޔާމް މީޑިއާއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
އެގޮތުން އެސްއެސްނެޓުން ބުނި ގޮތުގައި އެ ކުންފުނީގެ ޕެކޭޖްތަކާއި އަގުތައް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. ޕެކޭޖްތަކުގައި އަލަށް ރާއްޖެ އަށް ތައާރަފުކުރާ ޗެނެލްތަކެއް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންވެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، މިހާރުގެ ދިރާގުގެ ކަސްޓަމަރުންނަށް ވެސް އެސްއެސް ނެޓުގެ ހިދުމަތަށް ފަސޭހަކަމާ އެކު ބަދަލުވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ޚިދުމަތަށް އެދޭނެ ގޮތުގެ ތަފުސީލް ވަރަށް އަވަހަށް އާންމު ކުރާނެ އެސްއެސް ނެޓުން ބުންޏެވެ.
އެ ކުންފުނީގެ ހިދުމަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 7775523 އިން އެ މައުލޫމާތެއް ލިބޭނެ އެވެ.