ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް މިއަދު 57 އަހަރު ފުރިއްޖެ އެވެ.
އޭނަގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ގާތް މީހުންނާ އެކީ ކުޑަވަރެއްގެ ހަފުލާއެއް ވެސް ބޭއްވި އެވެ. އެ ހަފުލާގައި ޝާހްރުކް ޚާންގެ އިތުރުން ސަލްމާން އެންމެ ފުރަތަމަ ރައްޓެހިވި ކުރީގެ ބަތަލާ ސަންގީތާ ބިޖިލާނީ ވެސް ބައިިވެރިވި އެވެ.
ސަލްމާންގެ އުފަން ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ފޭނުން އަންނަނީ އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ޚާނުންގެ ތެރެއިން ސަލްމާނަށް 57 އަހަރު ފުރުނު އިރު، ޝާހްރުކަށް 57 އަހަރު ފުރުނީ މިދިޔަ މަހުގެ 2 ގަ އެވެ. އަދި އާމިރު ޚާނަށް 57 އަހަރު ފުރުނީ މާޗް 14 ގަ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ބޮލީވުޑަށް ނުކުތީ 1988 ގައި ރިލީޒްކުރި "ބިވީ ތޯ އެއިސީ" ގެ ސަޕޯޓިން ރޯލަކުންނެވެ. އެކަމަކު އޭނަ ތަރިއަކަށް ބަދަލުކޮށްލި ފިލްމަކީ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ. އޭގެ ފަހުން މިހާތަނަށް ސަލްމާން ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ.
އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" އިންނެވެ. އަންނަ އަހަރު ސަލްމާންގެ ދެ ފިލްމެއް ރިލީޒްވާނެ އެވެ. އެއީ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އާއި ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޓައިގާ 3" އެވެ.
އަންނަ އަހަރު ސަލްމާނަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމަންޓަރީ "ބިޔޯންޑް ދަ ސްޓާ" ގެ ނަމުގައި ގެނެސްދޭން ވެސް ހަމަޖެހިފައިވެ އެވެ.