Last Updated: June 14, 17:56
Sunday, June 14, 2026
ޚަބަރު

ރައީސް މުޅި އައްޑޫ ބަދަލުކޮށްލާނެ: ނިހާދު

ތަރައްގީގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މުޅި އައްޑޫ ބަދަލުކޮށްލައްވާނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ހަންކެޑެ ބްރިޖް މަސައްކަތުގެ ފޮޓޯތަކަކާ އެކީ އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކާ އެކީ ރައީސަށް ދެވަނަ ދައުރެއް ދޭން އައްޑޫ މީހުން ނޫނެކޭ ބުނާ ނަމަ އެއީ ތަރައްގީ އަށް ނޫނެކޭ ބުނުން ކަމަށެވެ.

"ހަތަރު ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އިންވެސްޓްމަންޓް ރައީސް ސޯލިހު ވަނީ އައްޑު އަށް އަޅަން ފަށާފައި،" ނިހާދު ވިދާޅުވި އެވެ. "[އެހެންވީމާ އައްޑޫ މީހުން] ތިބެންވޫ ރައީސް ސޯލިހާ އެކީ."

އޭނަ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުތަކުން އައްޑޫ ބާކީކޮށްލާފައި އޮތް ނަމަވެސް މި ސަރުކާރުން އަންނަނީ އައްޑޫ ބަދަލުކޮށްލަން ތަރައްގީގެ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ.

"އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ނިއުމަތެއް،" ނިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހާ އެކީ އައްޑޫ އޮތުން ލާޒިމު ކަމަށެވެ.