ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމީމު މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން މަގާމުން ވަކިވެއްޖެއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފައިވަނީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ ކޮންމެ މެންބަރެއްގެ ދައުރަކީ މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން ހަތަރު އަހަރު ކަމަށެވެ.
އެގޮތުން ޕީއެސްއެމްގެ އެމްޑީ ހާލިދުގެ މަގާމުގެ މުއްދަތު ޑިސެމްބަރު 24 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާއި، އަދި ޑީއެމްޑީ ޝަމީމްގެ މުއްދަތު ޑިސެމްބަރު 26 ވަނަ ދުވަހަށް ހަމަވެފައިވާކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން މަގާމުން ވަކިވެފައިވާކަމަށް އަންގާފައިވާ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފައިވަނީ ޕީއެސްއެމްގެ އެމްޑީ އަދި ޑީއެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން ޕީއެސްއެމް ހިންގުމުގެ ޒިންމާތަށް އެކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނޭ ޑިރެކްޓަރ ޕްރޮކިއުމަންޓް މުހައްމަދު ސައީދަށް ހަވާލުކޮށްފައިވައިވާ ކަމަށެވެ.