Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ބީއެމްއެލްއިން އިތުރު 33 ވީލްޗެއާ ހަދިޔާ ކުރަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި ވީލްޗެއާ ތަކާއެކު، 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށް ވުރެ ގިނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.


"ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ކަމެއް. މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުންމިވަނީ ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން." ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުންނެވެ. މިގޮތުން ދާދި ފަހުން ބޭންކުންވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައިވެސް ވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. އަދި މިއަހަރު ކުރީކޮޅު ބޭންކުންވަނީ އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށްވެސް އެހީތެރިކަންފޯރުކޮށްދީފައެވެ.