Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓަށް އާ ރެކޯޑެއް

ވެލާނާ އެއާޕޯޓް - ފޮޓޯ: އެމްއޭސީއެލް

އައު ރަންވޭއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގާ ވެލާނާ އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑެއް ޤާއިމްކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެލާނާ އެއާޕޯޓުގެ އައު ރަންވޭގައި 228 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވެއެވެ. މިއީ ރަންވޭ ބޭނުން ކުރަންފެށި ފަހުން އެންމެ ގިނަ ފްލައިޓް ޖެއްސި ދުވަސް ކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 104 އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް، 104 ޑޮމެސްޓިކް މޫވްމެންޓް އަދި 20 ޖެނެރަލް އޭވިއޭޝަން މޫވްމެންޓް ވަނީ ރެކޯޑު ކުރެވިފައެވެ.

ރަންވޭ މޫވްމެންޓްރ ރެކޯޑު ކުރަނީ ޖައްސަން އަންނަ ފްލައިޓް ތަކާއި ނައްޓާލާ ފްލައިޓުތައް ގުނައިގެންނެވެ.

މީގެ ކުރިން ވެލާނާ އެއާޕޯޓުގައި ބޭނުން ކުރަމުންދިޔަ ރަންވޭގައި މިހާ ގިނަ މޫވްމެންޓްތައް އަންނައިރު ބައެއް ފަހަރު ފްލައިޓްތަށް މަޑު ކުރަން ޖެހެއެވެ. ނަމަވެސް މިހާރު ކުރީގެ ރަންވޭ ޓެކްސީ ވޭ އެއްގެ ގޮތުގައި ބޭނުން ކޮށް އައު ރަންވޭ ބޭނުން ކުރަން ފެށުމާއިއެކު، މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވަނީ ލިބިގެން ގޮސްފައެވެ.

އައު ރަންވޭ އަކީ ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ވެލާނާ އެއާޕޯޓް ތަރައްޤީ ކުރުމަށް ފެށި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ރަންވޭ ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ކުރީ ކޮޅުގައެވެ.