ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 އުޅަނދެއް އޮތް ކަމަށް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
ހުޅުމާލޭގެ މަގުތަކުގައި ޤަވާއިދާއި ޙިލާފަށް ޕާކްކޮށްފައިވާ އަދި ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ އުޅަނދުތަށް ނެގުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. މި މަސައްކަތް ފަށާފައިވަނީ މަގުތަކުގައި ޤަވާއިދާއި ޙިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އުކާލެވިފައިވާ އުޅަނދުތަކާއި ގުޅޭ ސާވޭއެއް މިމަހުގެ ކުރީކޮޅު ހެދުމަށް ފަހުއެވެ.
އުޅަނދުތައް ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ނެގުމުގެ މަސައްކަތް ކުރާއިރު، އެކުންފުނިން ކުރި ސާވޭ ރިޕޯޓުގައި ހުޅުމާލޭގެ މަގުތަކުގައި އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 އުޅަނދެއް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޤަވާއިދާއި ޙިލާފަށް ޕާކު ކޮށްފައިވާ 370 އުޅަނދެއް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އުޅަނދުތަށް ނެގުމާއި ގުޅޭ ގޮތުން އެކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވަނީ އުޅަނދުތަށް ތިބި ސަރަހައްދާއި އަދި އުޅަނދުތަކުގެ ފޮޓޯވެސް އާންމުކޮށްފައެވެ.
އުޅަނދުތަކާއި ގުޅޭގޮތުން އެޗްޑީސީން ބުނެފައިވަނީ މިގޮތަށް ގިނަ އުޅަނދުތަކެއް މަގުމަތީގައި ހުރުމުގެ ސަބަބުން ރަށަށް ޒިޔާރަތް ކުރާ މީހުންނާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދަތި ވަމުންދާ ކަމަށެވެ. މިގޮތުން ހުޅުމާލެ ޕާކިން ޒޯންތަކާއި ހުސް ބިންތަކުގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ހަލާކުވެފައި އުޅަނދުތައް އަދި ސުން ބޯޑްގައި ހުރި އުޅަނދުތައް ޓޯ ކޮށްގެން ނަގަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އެޗްޑީސީގެ ފަރާތުން ހުޅުމާލޭގެ މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް ކުރާއިރު، ނިރޮޅު މަގުގައި ޕާކް ނުކުރޭވޭ ގޮތަށް ޤަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި މަގުގައި ދުއްވާ އުޅަނދުތަކަށް ލޭންތައް ހާއްސަކޮށް ވަކި ބައިސިކަލް ލޭނެއްވެސް އެޗްޑީސީން ދަނީ ފާހަގަ ކުރަމުންނެވެ. މިއީވެސް މަގުތައް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުމަށް އެޅި ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުނެއެވެ.