Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިޔާ ސަރަހައްދު ތަރައްގީ ކުރުން ބާރަށް ކުރިއަށް

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ގެ ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ އަޑު އަހައި މަލަމަތި ބަދަލު ކުރުމުގެ މަސައްކަތް އެޗްޑީސީން ބާރަށް ކުރަމުންދާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހިޔާ ސަރަަހައްދު ތަރައްޤީ ކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އެޗްޑީސީން ބުނެފައިވަނީ، މިގޮތުން ޓަވަރުތަކުގެ ދޭ ތެރޭގައި ހުރި ޖާގަތައް ޕޮކެޓް ޕާކުތަކުގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ރައްޔިތުންގެ ހިޔާލާއި އެކު ކުރެވެމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން، ހާއްސަ އެހިއަށް ބޭނުންވާ ފަރާތްތަަކަށް ފަސޭހަ ވާނެ ގޮތަށް ރޭމްޕްތައް އެކި ސަރަހައްދުތަކުގައި އަދި ވަކިން ޙާއްސަކޮށް ހިޔާ ސަރަހައްދުގެ ބީޗުގައި ބެހެއްޓުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މިއާއެކު މި ސަރަހައްދުގައި ވިޔަފާރި ބޭނުމަށް ހާއްސަ ހާއްސަ ގިނަ ތަންތަން ނެތުމުން ހިޔާ ޓަވަރުގެ ގްރައުންޑް ފްލޯ ކޮމާޝަލް ބޭނުންތަކަށް ދޫކުރެވިފައިވާ ކަމަށާއި، އަދި ހެދިކާ ފަދަ ލުއިކާނާ އަދި ބުއިންތަކަށް ހާއްސަކޮށް ކިއޮސްކް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެޗްޑީސީން ފާހަގަ ކުރެއެވެ. ކިއޮސްކް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ޝައުގުވެރިކަން ފާޅު ކުރި ފަރާތްތަކުގެ މެދުގައި ގުރު ނެގުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ޙުޅުމާލޭގައި ކުރެވެމުންދާ މަސައްކަތް އެޗްޑީސީގެ އެމްޑީ އާތިފް ބައްލަވަނީ / ފޮޓޯ: އެޗްޑީސީ

ހިޔާ ސަރަހައްދުގައި ލިބޭ ޙިދުމަތްތައް ދުވަހުން ދުވަހަކަށް އިތުރުވަމުން ދާއިރު މި ސަރަހައްދުގައި އާއްމުނަށް މަޢޫލޫމާތު ދިނުމަށް އެޗް.ޑީ،ސީގެ ސްމާޓްކޮމް ބަރޭންޑުން ވެސް ދަނީ ޑިޖިޓަލް ބޯޑްތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ހާމަ ކުރެއެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެންމެ ފަސޭހައި ފޯރުކޮށްދެވޭނެ ވަސީލަތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ސަރަހައްދު ތަރައްޤީ ކުރަމުންދަނީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާވެސް ހޯދައިގެން ކަމަށް އެޗްޑީސީން ފާހަގަ ކުރެއެވެ. އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާތިފް ވަނީ ޓަވަރުތަކުގައި ދިރިއުޅެމުންދާ ކޮމިއުނިޓީގެ އިސް ފަރާތްތަކާއި ދާދި ފަހުންވެސް ބައްދަލު ކޮށްފައެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުގައި ކުރެވެމުންދާ މަސައްކަތް ގާތުން ދަނީ ބައްލަވަމުންނެވެ.