އަންނަ އަހަރު ޗައިނާ މާކެޓުން ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިންގް ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ، އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓުގައި އަންނަ އަހަރު ޗައިނާގެ އައުޓްބައުންޑް ޓުއަރިޒަމް އިންތިޒާމީ ގޮތެއްގައި ވަރަށް އަވަހަކަށް ހަމައަކަށް އެޅޭނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު ކުރިއެކޭ އެއްގޮތަށް ޗައިނާ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤްބޫލް މަންޒިލަކަށް ވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު މިހެން ވިދާޅުވެފައިވަނީ އަންނަ ޖެނުއަރީ މަސް ތެރޭ ޗައިނާގައި މިވަގުތު އަޅާފައިވާ ކޯވިޑުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭނެ ކަމަށް އެ ޤައުމުގެ ސިއްޙަތާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނިކޮށެވެ.
މިގޮތުން އަންނަ ޖެނުއަރީ މަހު 8 ވަނަ ދުވަހުން ފެށިގެން ބޭރު ޤައުމުތަކުން ޗައިނާއަށް އަންނަ ފަތުރުވެރިން ކަރަންޓީނު ވާން ނުޖެހޭނެއެވެ. ނަމަވެސް ފުރުމުގެ 48 ގަޑިއިރު ކުރިން ކޯވިޑު ޕީސީއާރު ޓެސްޓެއް ހަދާފައި އޮންނަން ޖެހެއެވެ. މިއާއެކު އެ ޤައުމަށް އެތެރެވުމާއިއެކު ފަހު ކަރަންޓީނު ވުމާއި ޕީސީއާރު ޓެސްޓު ހެދުން މަޑުޖެހިގެން ދާނެއެވެ.
މި ބަދަލާއި އެކު ޗައިނާއިން ފުރާ ފަރާތްތަކަށް ލުއި ދޭވޭނެ ގޮތް މިހާތަނަށް އިއުލާން ނުކުރިނަމަވެސް، އަންނަ އަހަރު ކުރީ ކޮޅު ބޭރަށް ފުރާ ފަތުރުވެރިންނަށްވެސް ލުއިދެވޭނެއެވެ. އަދި މިހާރު ގެނެވުނު ބަދަލާއިއެކު ޗައިނާގައި ދިރިއުޅޭ ފަރާތްތަކުން ބޭރު ޤައުމުތަކަށް ދަތުރު ކުރުމަށް ފަހު އަނބުރާއައިސް ކަރަންޓީނު ވާން ނުޖެހޭނެއެވެ. މިއާއެކު ގިނަ ބަޔަކު ބޭރަށް ފުރައިގެން ދިއުމަށް މަގުފަހިވާނެ ކަމަށް ބޭރުގެ މާކެޓުތަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ކޯވިޑާއި އެކު ދުނިޔޭގެ ޤައުމުތަކުގެ ބޯޑަރުތަށް ބަނދުވުމުގެ ކުރިން ޗައިނާ މާކެޓަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ މާކެޓެވެ. މިގޮތުން 2010 އިން ފެށިގެން 2019 އާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާ މާކެޓުންނެވެ. މިގޮތުން 2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.7 މިލިއަން ފަތުުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މީގެ ތެރެއިން ޗައިނާއިން އެކަނިވެސް 284،029 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. މިއީ އޭރުގެ މާކެޓް ޝެއަރގެ 16.7 އިންސައްތައެވެ.