ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކޮމާޝަލް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި ޤަވާއިދާއި އެއްގޮތަށް ހިންގާތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އެންމެ ފުރަތަމަ މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ރަށު މާރުކޭޓު އަދި އިންޑަސްޓްރިއަލް ސަރަހައްދުގައި ކަމަށެވެ. އަދި މި ސާވޭގެ މައިގަނޑު ބޭނުމަކީ ހުޅުމާލެއިން ވިޔަފާރި ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަށް ބޭނުން ކުރަނީ ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށްތޯ ބެލުމެވެ. މިގޮތުން ކުއްޔަށް ދިން ފަރާތުން އެއްބަސްވުމާއި ހިލާފަށް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބެލުމާއި، އެތަނަށް ދޫކޮށްފައިވާ ސަރަހައްދުގެ ބޭރުގައި މަސައްކަތް ކޮށް ނުވަތަ މުދާ ބެހެއްޓުން ފަދަ ކަންކަން ކުރާތޯ ބަލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ސާވޭގައި ފާހަގަ ކުރެވޭ ކަންކަން ރަނގަޅު ކުރުމަށް އެއްބަސްވެވިފައިވާ ފަރާތްތަކަށް އަންގާނެ ކަމަށެވެ. އަދި އެކަމާއި ގުޅޭ އެކަށީގެންވާ ފިޔަވަޅު އަޅައި، އަދި ސިލްސިލާކޮށް ސާވޭ ކުރިއަށް ގެންދާ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެއިން ކުއްޔަށް ދޫކުރެވިފައިވާ ޔުނިޓްތައް ޤަވާއިދާ ޙިލާފަށް ބޭނުން ކުރާތޯ ބެލުމުގެ މަސައްކަތް ފަށާފައި މިވަނީ ދާދި ފަހުން، އެފްއޭއެމް އިން އެޕޯލޯ ހޯލްޑިންގްސް އަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި އެޗްޑީސީން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން ބައެއް 25 އަހަރަށް އެ ކުންފުންޏަށް ދޭން އެފްއޭއެމްއިން ވަނީ ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
މިމައްސަލާގައި މިދިޔަ ނޮވެމްބަރު މަހު އެޗްޑީސީން ބުނެފައިވަނީ އެފްއޭއެމް އާއި އެކު ހެދިފައިވާ އެއްބަސްވުމުގައި ބިން މިގޮތަށް އެޗްޑީސީއަށް ނާނގާ ދެވޭނެ ކަން ނޯންނާނެ ކަމަށާއި، ނަމަވެސް މިހާރު އެފްއޭއެމްއިން އެއްބަސްވުމަށް ބަދަލު ގެނައުމަށް ރިކުއެސްޓް ކޮށްފައި އޮތްއިރު މިފަދަ ނިންމެއް ނިންމި މައްސަލަ ބަލަމުންދާ ކަމަށެވެ.