Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ޔުނައިޓެޑް ގަދަ 4 އާ ގާތަށް

ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 3-0 އިން ކުރި ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރަކާ ކައިރި އަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު 15 މެޗުން ލިބުނު 29 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ ފަސްވަނައިގަ އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމަށް 16 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

ޔުނައިޓެޑުން ރޭގެ މެޗުގައި ލީޑު ނެގީ 19 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް ޖެހި ގޯލުންނެވެ. މިއީ ކޯނަރެއްގައި ކްރިސްޓިއަން އެރިކްސަން ތިރިތިރިން ދިން ބޯޅައަކުން އެއް ފަހަރުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ރަޝްފޯޑް ޖެހި ގޯލެކެވެ.

އެ ގޯލު ޖެހިތާ ތިން މިނިޓް ފަހުން ރަޝްފޯޑް ދިން ބޯޅައަކުން އެންތަނީ މާޝިއަލް ޔުނައިޓެޑްގެ ދެ ވަނަ ގޯލު ވަނީ ކާމިޔާބުކޮށްދީފަ އެވެ. ނޮޓިންހަމްގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ މާޝިއަލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެޓީމުގެ ގޯލްކީޕަރު ވޭން ހެނެސީ އަތުގައި ޖެހިފަ އެވެ.

ދެ ވަަނަ ހާފުގައި ވެސް ޔުނައިޓެޑުން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔައިރު އެކަން ކާމިޔާބުވީ މެޗުގެ 87 ވަނަ މިނެޓްގަ އެވެ. ކަސެމީރޯ ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅައަކުން މި ގޯލް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ފްރެޑް އެވެ.

ލީގުގައި ރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ބޯންމަތް 2-0 އިން ބަލިކޮށް ހަމަޖެހުމެއް ހޯދާފަ އެވެ. ޗެލްސީން ރޭގެ މެޗަށް ނުކުތްއިރު، ލީގުގައި އެންމެ ފަހުން ކުޅުުނު ފަސް މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އާއި މޭސަން މައުންޓް އެވެ. މި މޮޅާ އެކު ޗެލްސީ އޮތީ 15 މެޗުން 24 ޕޮއިންޓާ އެކު 8 ވަނައިގަ އެވެ.