Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ސޯނޫގެ "ފާތިހު" އަށް ޖެކްލީން

މި އަހަރު ރިލީޒްކުރާނެ ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކުރި އެކްޓަރު ސޯނޫ ސޫދުގެ ފިލްމު "ފާތިހް" ގެ ބަތަލާގެ ރޯލަށް ޖެކްލީން ފެނަންޑޭޒް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އެކްޝަން ޑްރާމާގައި ސޯނޫ ކުޅޭނީ ފިލްމުގެ ލީޑް ބަތަލުގެ ރޯލެވެ. ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުން ވެސް ފެންނަ 49 އަހަރުގެ އެކްޓަރު އާންމުކޮށް ފެންނަނީ ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުންނެވެ. އެގޮތުން ނެގަޓިވް ގިނަ ރޯލްތަކެއް ސޯނޫ ކުޅެފައިވެ އެވެ.

ޕީޕިން މޫން އިން ބުނި ގޮތުގައި "ފާތިހް" އަކީ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ސޯނޫ ހިއްސާވާ ފިލްމެކެވެ. އަބިނަންދަން ގުޕްތާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމު ހަދަނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ. މީގެ ޝޫޓިން އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ އިރު، އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާނެ އެވެ. އެކަމަކު "ފާތިހް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.

މީގެ ޓެގް ލައިނަކީ "ވަން މޭންސް ވޯ އެގެއިންސްޓް އިންޑިއާސް ހިޑެން އެނެމީ" އެވެ.

"ފާތިހް" ގެ ބަތަލާ ރޯލަށް ޖެކްލީން ނެގި އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ގެނައި ރަންވީދު ސިންގްގެ ކޮމެޑީ ފިލްމު "ސާކަސް" އެވެ. އެކަމަކު އެ ފިލްމަށް ލިބޭ ތަރުހީބު ވަރަށް ކުޑަ އެވެ.