ރަޝިއާގެ މަޝްހޫރު މަހުޖަނަކު އުފަން ދުވަސް ފާހަގަކުރަން އިންޑިއާ އަށް ގޮސް އުޅެނިކޮށް ކުއްލި ގޮތަކަށް، މަރުވެ އެ މަރާ ގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ސޮސެޖް ވިޔަފާރި ހިންގާ މަހުޖަނު ޕެވެލް އެންޓަވް، 65، މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނަގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް އެ ވާހަކަ މިހާރު ދަނީ ދެކެވެމުންނެވެ. ރަޝިއާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެންޓަވް މަރުވީ އޭނަ ހުރި އޮޑިޝާގެ ހޮޓެލްގެ ކުޑަދޮރަކުން ވެއްޓި އެވެ. އަދި ބައެއް މީޑީއާގަކުން ބުނެފައި ވަނީ އޭނަ ފެނުނީ ހޮޓަލުގައި މަރުވެފައި އޮއްވައި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އޮޑިޝާ ފުލުހުންގެ ސްޕްރިންޑެންޓް ވިވެކަނަންދާ ޝަރުމާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މިލްކިއްޔާތު 140 މިލިއަން ޑޮލަރަށް އަރާ މަހުޖަނު މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ. އަދި އޭނަ މަރުވުމުގެ ކުރިން އިންޑިއާ ދަތުރުގެ ތެރެއިން އެކީގައި އުޅުނު ގާތް އެކުވެރިއަކު މަރުވުމުން އެކަމާ އެންޓަވް އަށް ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ކަލްކަތާގައި ހުންނަވާ ރަޝިއާގެ ކޮންސުލް އެލެގްޒީ އިޑަމްކިން ވިދާޅުވެފައި ވަނީ އެންޓަވްގެ މަރުގައި ޝައްކު ކުރެވޭ ޒާތުގެ އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެ މަރުގައި ރަޝިއާގެ ސަރުކާރުގެ އަތެ3އ ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ މި އަހަރުގެ ކުރީކޮޅު ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ނުރުހިގެން ވާހަކަ ދެއްކި ރަޝިއާގެ ވިޔަފާވެރިންތަކެއް މި އަހަރު ކުއްލިއަކަށް މަރުވެފައިވުމެވެ. އެންޓަވް އަކީ ވެސް ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާގެ ރައީސް ލަޑިމީރް ޕުޓިން އަށް ފާޑުކިޔާފައިވާ ވިޔަފާވެރިއެކެވެ.