މީހަކަށް ހިތާމަވެރި ހާލަތެއް ދިމާވުމުން ޒާތީ ގޮތުން ދިމާކުރުމަކީ އެންމެ ނުބައި އަހުލާގު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހަކަށް ޒާތީ ގޮތުން ފުރައްސާރަކޮށް ދިމާކުރުމަކީ އިންސާނެއްގެ ކިބައިގައި ހުންނާނެ އެންމެ ނުބައި އަހުލާގީ ބަލިމަޑުކަން ކަމަށެވެ.
"މީގެ ނުބައިކަން ބޮޑުވެގެންދާ ކަމަކީ މިފަދަ ޙާލަތްތަކުގައި އާޔަތާއި ހަދީސުން ފުރައްސާރަކުރުން." ޝަހީމް ވިދާޅުވި އެވެެ.
އިންސާނަކަށް ހިތާމަވެރި ޙާލަތެއް މެދުވެރިވުމުން، އެމީހަކަށް ޒާތީގޮތުން ފުރައްސާރަކޮށް ދިމާކުރުމަކީ އިންސާނެއްގެ ކިބައިގައި ހުންނާނެ އެއްމެ ނުބައި އަޚުލާޤީ ބަލިމަޑުކަން. މީގެ ނުބައިކަން ބޮޑުވެގެންދާ ކަމަކީ މިފަދަ ޙާލަތްތަކުގައި އާޔަތާއި ޙަދީސުން ފުރައްސާރަކުރުން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 27, 2022
ނަމަވެސް އޭނަ މިފަދަ މޭރުމަކުން ޓްވީޓްކުރެއްވީ ސީދާ ކޮން ކަމަކ ގުޅިގެން ކަމެއް ނޭނގެ އެވެ. އެކަމަކު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، ޝަހީމް ނިސްބަތްވާ ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަކާ އެކީ މިހާރު ގެންދަވަނީ އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
ޔާމީނަށް މި ދިމާވި ހާލަތަކާ ގުޅިގެން ގިނަ ބައެއްގެ މަލާމާތް ވެސް އަމާޒުވެފައިވެ އެވެ.
ޔާމީން އެންމެ ފަހުން ބޭއްވި ސިޔާސީ ބޮޑު ހަރަކާތަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ "ފެލާލައިފި" ގެ ނަމުގައި ބޭއްވި ޖަލްސާ އެވެ. އެ ޖަލްސާގައި ޝަހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޝަހީމަކީ 2018 ގައި ޔާމީން ދެވަނަ ދައުރަކަށް ވާދަކުރެއްވި ރަނިންމޭޓް ވެސް މެ އެވެ.