މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު "ސާކަސް" ބެލުންތެރިންނާއި ކްރިޓިކުންނަށް ވެސް ކަމުނުގޮސް ބޮކްސް އޮފީހުގައި ހިތްދަތި ތަޖުރިބާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ ގެނެސްދޭ ކޮންމެ ފިލްމެއް 100 ކްރޯޑް ކުލަބަށް ވައްދަން ފަރިތަ ރޯހިތުގެ ފިލްމަކަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ހިތްދަތިކަމެވެ. ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ރިލީޒްކުރި ނަމަވެސް، ސިނަމާތަކުގައި އެޅުވި ދުވަހުން ފެށިގެން ވެސް "ސާކަސް" އަށް ބެލުންތެރިންގެ މާ ބޮޑި ފޯރިއެއް ނެތެވެ. އަނެއްކޮޅުން ވަރަށް ގިނަ ކްރިޓިކުން ވަނީ ފިލްމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އެގޮތުން "ސާކަސް" ބޮޑަށް ވައްތަރީ ޝައުގުވެރި ކަމެއް އުފައްދައި ނުދޭ، ކުލަގަދަ އެނިމޭޓެޑް ފިލްމެއްގެ ގޮތުގައި ބައެއް ކްރިޓިކުން ސިފަކޮށްފައިވެ އެވެ. މި ފިލްމަކީ ކުރީގެ މަޝްހޫރު އަދީބު، ޝޭކްސްޕެއާގެ ޕްލޭ "ކޮމެޑީ އޮފް އެރާސް" އަށް ބިނާކޮށް ހެދި އެއްޗެކެވެ. އެއަށް ބިނާކޮށް މީގެ 40 އަހަރު ކުރިން ޅެންވެރިޔާ ގުލްޒާޒު "އަންގޫރު" ގެ ނަމުގައި ވަރަށް ކާމިޔާބު ފިލްމެއް ގެނެސް ދީފައިވެ އެވެ.
އެހެންވެ އެ އާއި "ސާކަސް" އަޅާކިޔައި ބައެއް ކްރިޓިކުން ވަނީ "ސާކަސް" އަކީ "އަންގޫރް" އާ ގާތް ވެސް ކުރާ ވަރުގެ ފިލްމެއް ނޫން ކަމަށާއި މިއީ ބޮޑު ފޫހިގަނޑެއް ކަމަށް ބުނެފަ އެވެ. ގިނަ ކްރިޓިކުން ފިލްމަށް ދީފައި ވަނީ ފަސް ތަރިން ދެ ތަރި އަދި އެކެއް ބައި ތަރީގެ ރޭޓިންއެކެވެ.
ފިލްމުގެ ތަރުހީބު ވަނދުކަމުން މިހާރު "ސާކަސް" 100 ކްރޯޑް ކުލަބަށް ވަންނާނެކަމުގެ އުންމީދެއް ވެސް ނެތެވެ. މިކަން ވާނީ ޑައިރެކްޓަރު ރޯހިތަށް ވަރަށް ބޮޑު ވެއްޓުމަކެވެ. އޭނަ އަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން 100 ކްރޯޑް ކުލަބްގެ ފިލްމުތައް އެންމެ ގިނަ ޑައިރެކްޓަރެވެ. އޭގެ ތެރޭގައި "ސިންގަމް" ގެ ފިލްމުތަކާއި "ބޯލް ބައްޗަން" އާއި "ގޯލްމާލް އެގެއިން" އާއި "ޗެންނައި އެކްސްޕްރެސް" އާއި ސިމްބާ" އާއި "ސޫރިޔަވަންޝީ" ފާހަަގަކޮށްލެވެ އެވެ.
"ސާކަސް" ގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި ޖެކްލިން ފެނަންޑޭޒާއި ވަރުން ޝަރުމާގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ. މި އަހަރުގެ މެއި މަހު ރިލީޒްކުރި ރަންވީރުގެ "ޔަޖޭޝްބާއީ ޖޯރުދާރު" އަކީ ވެސް ބަލާނެ ބަޔަކު ނުވި ފިލްމެކެވެ.