ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން ކޯޓުގައި އިއްވި ނުކުތާތަކާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހުރި ނުކުތާތައް މުޅިން ތަފާތު ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.
ޝިޔާޒް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ދައުލަތުން ދައުވާއެއް ކުރީތީ އެ ދައުވާއަށް ހެކި ނުދެއްކުނަސް ސާބިތުވާ ކަމަށް ކަނޑައަޅަން ޖެހޭކަމަށް ޤާނޫނެއްގައި ލިޔެގެން އުޅުންފަދަ ހުކުމެއް ކަމަށެވެ.
"ޙުކުމް ކުރުމުގެ ކުރިން އިއްވި ނުކުތާތަކާ ލިޔެފައިއޮތް ނުކުތާތައް މުޅިން ތަފާތެވެ. ލިޔެފައި ހުރި ނުުކުތާތަކަކީ ދައުލަތުން ހުލާސާ ބަޔާނުގައި ލިޔެފައިހުރި ބުހުތާނު ދޮގު ކަމަށްވާތީ ރައްޔިތުންނަށް އަޑުއިވޭ ވަރަށް ކިޔާން ނުކެރުނީ ކަމަށް ބެލެވެއެވެ." ޝިޔާޒްގެ ޓްވީޓްގައިވެއެވެ.
މީގެއިތުރުން ޝިޔާޒް ވިދާޅުވީ އިސްތިއުނާފް މަރުޙަލާ އަށް ހުށަހެޅުމަށް ފޯމު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ވަނީ 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. މީގެތެރެއިން ރިޝްވަތު ގަބޫލުކުރިން ސާބިތުވާތީ ޔާމީނަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި މަނީލޯންޑްރިންގެ ކުށް ސާބިތުވާތީ ޔާމީނަށް ވަނީ 7 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަސްތޭރޭ ދެއްކުމަށް ހުކުމްކޮށްފައެވެ.