އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާ މައި މަރުކަޒެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ އަޑުގެ އިމާރާތް ބޭނުންކުރާ ގޮތަށް ނިންމައިފި އެވެ.
މި ފަހުން ބޭއްވި ގިނަ އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަން (އީސީ) އިން އިންތިހާބާ ގުޅޭ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރީ ކުރީގެ ބާ ޖަމާލުއްދީން ސްކޫލެވެ. ނަމަވެސް ނަމަވެސް،އަރަބިއްޔާ ސްކޫލުގެ އާ އިމާރާތަށް އެ ބިން ހުސްކޮށް ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވިދާޅުވީ އިންތިހާބުގެ މައި މަރުކަޒަކަށް އަޑުގެ އިމާރާތުން ބައެއް ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެކަން ހަމަޖެހޭނެ ކަމަށް ދިވެހި ރާއްޖޭގެ އަޑު ހިންގާ ޕީއެސްއެމުން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ފެށެން އޮތީ އެފަދަ މަސައްކަތްކުރެވޭނެ ބޮޑު ތަނެއް ލިބިގެން ކަމަށެވެ. އަދި އަޑުގެ އިމާރާތުގައި ކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބާ ގުޅޭ އެންމެ މުހިއްމު މަސައްކަތްތައް ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ކޮމްޕްލަޔަންސް ބިއުރޯ ހިމެނެ އެވެ.
މީގެ އިތުރުން އިންތިހާބަށް އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތްތަކާއި ކޯޑިނޭޝަންގެ މަސައްކަތްތައް ވެސް ކުރުމަށް ރާވާފައި ވަނީ އަޑުގެ އިމާރާތުގައި ކަމަށް ހަބީބު ވިދާޅުވި އެވެ.