Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މާފުށީ ޖަލަށް 130 ޖާގަ އިތުރު ކުރަނީ

މާފުށި ޖަލު

ރާއްޖޭގެ ޖަލުތަކުގެ ޖާގަ އިތުރު ކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު މާފުށީ ޖަލަށް އިތުރު 130 މީހުންގެ ޖާގަ އިތުރު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) އިން ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމްގެ 8 ވަނަ ބެޗްގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް ފަހުޖަލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތޮން މިހާތަނަށް 220 ޖާގަ އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އިތުރު 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީގައި ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ޖަލުގެ އިތުރުކުރަން ކުރެވޭ މަސައްކަތުގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ވެސް ހިމެނެ އެވެ. މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލުތަކެއް ވެސް އަންނާނެ ކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ހާއްސަކޮން މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އިސްވެހުރެ ކަރެކްޝަންގެ އެންމެ އިސް ބޭފުޅުން ބައިވެރިވެގެން އަދި ރާއްޖޭގައި ޖަލުތައް ޑިޒައިން ކުރުމުގެ ގާބިލްކަން ލިބިގެންވާ ބޭފުޅުން ހޯދައިގެން އިތުރުން ތަންތަނަށް ގޮސް ތަޖުރިބާއާއެކުގައި ޑިޒައިން ކޮއްގެން ފުރަތަމަ ފަހަރަށް ހައި ސެކުއިރިޓީ ޖަލެއް ރާއްޖޭގައި ބިނާ ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި." މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކުރިއަށް އްއޮތް 6-7 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ހދ. ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް ހެދުމަށް ވެސް ބަޔަކާ ހަވާލުކޮށްފައިވެ އެވެ. އެއީ ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭ ފަދަ އިންތިޒާމުތަކާ އެކީ ހަދާ ޖަލެކެވެ.