Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އިސް ސިޔާސަތަކީ މުސާރަތައް ބޮޑުކުރުން

ޖަޕާނުގެ އަންނަ އަހަރުގެ އިގުތިސާދީ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަން ދޭނެ އެއް ކަމަކީ މުސާރަތައް ބޮޑުކުރުން ކަމަށް އެ ގައުމުގެ ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓަރީ ސީޖީ ކިހާރާ ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި އޭނަ މިއަދު ވިދާޅުވީ ޖަޕާނަށް މިހާރު ކުރިމަތުވެފައި އޮތް އެންމެ ބޮޑު އިގުތިސާދީ ގޮންޖެހުމަކީ މުސާރަތައް ބޮޑުވަމުން ނުދިއުން ކަމަށެވެ. އަނެއްކޮޅުން އިންފްލޭޝަން އުފުލި، ތަކެއްޗާއި ހިދުމަތުގެ އަގުތައް އުފުލެމުންދާ އިރު، އެކަމަށް ހައްލެއް ހޯދަން ވެސް މުސާރަތައް ބޮޑުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

"މުސާރަތައް ބޮޑުނުކުރާ ކަމަށް ވަންޏާ ހާލަތު ރަނގަޅެއް ނުވާނެ. އަދި ކުންފުނިތަކުން އިންވެސްޓްމަންޓްތައް ވެސް އިތުރެއް ނުކުރާނެ." ކިހާރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ޕްރައިވެޓް ސެކްޓަރުގެ މުސާރަ ބޮޑުކުރަން ބާރު އެޅުމަކީ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމެކެވެ. އަދި މަޝްވަރާކޮށްގެން އެކަން ކުރަން ސަރުކާރުން ތަފާތު ގޮތްގޮތަށް އެހީވާނެ ކަމަށް ވެސް ވިދާޅުވި އެވެެ. އެގޮތުން ކުންފުނިތަކަށް ޓެކްސް އިންޓެންސިވް ދިނުމަކީ ސަރުކާރުން ވެވޭނެ އެހީއެއް ކަމަށް ކިހާރާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުންފުނިތަކުން މުވައްޒަފުންނަށް ކުރާ ހޭދައިގެ މައުލޫމާތު ހޯދައި އާންމުކުރަން ހާއްސަ ކުންފުންޏެއް ވެސް އަންނަ އަހަރު ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ މުސާރަތައް ބޮޑުވާން،. ތަކެތީގެ އަގު އުފުލެމުންދާ ނިސްބަތަށް ބަލާ އިރު އެއީ ކުރަން ވަރަށް މުހިއްވެފައި އޮތް ކަމެއް."

ދާދި ފަހުން ޖަޕާންގެ މަރުކަޒީ ބޭންކ، ބޭންކް އޮފް ޖަޕާން (ބީއޯޖޭ) ގެ ގަވަނަރު ހަރްހީކޯ ކުރާޑޯ ވެސް ވިދާޅުވީ ދެމެހެއްޓިނިވި ގޮތަކަށް އިންފޭލްޝަން ރޭޓް ހިފަހެއްޓުމަކަށްޓަކައި މުސާރަތައް ބޮޑުވާން ޖެހޭ ކަމަށެވެ.

ފާއިތުވި 40 އަހަރަށް ބަލާ އިރު މިދިޔަ މަހުގެ ތެރޭގައި ޖަޕާންގެ އިންފްލޭޝަން 3.7 ޕަސެންޓަށް އުފުލިފައިވެ އެވެ. އަދި ސަރުކާރުގެ އަމާޒަކީ އެ ނިސްބަތް 2 ޕަސެންޓަށް ވުރެ ބޮޑުވިޔަ ނުދީ ހިފަހެއްޓޭނެ ގޮތެއް ހޯދުމެވެ. އެހެންވެ އަންނަ އަހަރުގެ އިގުތިސާދުގެ ތެރެއިން އެ އަމާޒަށް މަސައްކަތްކުރަން ނިންމައިފަ އެވެ.