ސިނަމާތަކުގައި ދައްކަމުން އަންނަ ޑައިރެކްޓަރު ޖޭމްސްގެ ކެމެރޮންގެ ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އިން 10 މިނިޓް އުނިކޮށްފި އެވެ.
މި ފިލްމު މި މަހުގެ 16 ގައި ސިނަމާތަކަށް ގެނެސް، ބޮޑު ތަރުހީބެއް ޖޯދަމުން އަންނަ އިރު، ފިލްމުގެ ދިގުމިނަކީ 3 ގަޑިއިރާއި 12 މިނިޓާއި 10 ސިކުންތެވެ. ނަމަވެސް މިހާރު އެއިން 10 މިނިޓް އުނިކޮށްފައިވާ ކަމަށް އެސްކްއާ މިޑްލް އީސްޓަށް ދިން އިންޓަވިއެއްގައި ޑައިރެކްޓަރު ބުންޏެވެ.
ކެމަރޮން ބުނި ގޮތުގައި އެފަދަ ބަދަލެއް ގެންނަން ނިންމީ ފިލްމުގައި ދައްކާ އަނިޔާވެރި މަންޒަރުތައް މަދުކުރުމުގެ ގޮތުންނެވެ. އެގޮތުން ފިލްމުގައި އިންސާނުންނާއި ޕެންޑޯރާ ދުނިޔޭގެ މަހުލޫގުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކުގައި ހަތިޔާރާ އެކީ އަނިޔާވެރި ގިނަ މަންޒަރުތަކެއް ހިމެނެ އެވެ. ނަމަވެސް ފިލްމު "ވައިލަންޓްކަން" ކުޑަކުރަން އެފަދަ މަންޒަރުތަކުން 10 މިނިޓް އުނިވުމަކީ ފިލްމުގެ ވާހަކަ އަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.

"ޓާމިނާޓޭ" އާއި "ރާމްބޯ: ފަސްޓް ބްލަޑް ޕާޓް 1" އާއި "އޭލިއަންސް" އާއި "ޓްރޫ ލައިސް" ގެ އިތުރުން "އެލީޓާ: ބެޓްލް އެންޖެލް" ފަދަ ވަރުގަދަ އެކްޝަން ފިލްމުތަކުގައި ހިއްސާވި ކެމަރޮން ބުނީ ކުރިން އޭނަ ގެނެސްދިން އެކްޝަން ފިލްމުތައް މިހާރު ބަލައިލުމުން އެ އެއްޗެހިން ދައްކުވައިދޭ އަނިޔާވެރި މަންޒަރުތައް ހަޖަމުކުރަން ވެސް އުނދަގޫ ކަމަށެވެ.
އޭނަ ބުނީ "އެވަޓާ: ދަ އޮފް ވޯޓާ" އެއްކޮށްހެން ޝޫޓްކުރި ނިއު ޒީލެންޑަކީ އަނިޔާވެރި ކަންކަމާ ވަރަށް ދުރު ގައުމެއް ކަމަށެވެ. އަދި އެ ގައުމުގެ ދެ މިސްކިތަކަށް 2019 ގައި ދިން ހަމަލާތަކެއްގެ ފަހުން އާންމުކޮށް ބަރުހަތިޔާރު ގެންގުޅުން މަނާކުރުމަކީ ވެސް އުފަލެއް ކަމަށް ބުންޏެވެ. އެހެންވެ ނިއު ޒީލެންޑްގައި ޝޫޓްކުރި ފިލްމަކުން ހަތިޔާރާ އެކީ ހިންގާ އަނިޔާވެރި މަންޒަރުތައް އެހާ ބޮޑަށް ދައްކަން ބޭނުން ނުވާ ކަމަށް ކެމަރަން ބުންޏެވެ.
"އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަކީ 2009 ގެ "އެވަޓާ" ގެ ސީކްއެލް އެވެ. ދެވަނަ ބަޔަކީ 460 މިލިއަން ޑޮލަރުގެ ބަޖެޓަޖުން ހަދާފައިވާ ފިލްމެކެވެ. މިއަށް މިހާތަނަށް ބޮކްސް އޮފީހުގައި 955.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
"އެވަޓާ" ގެ ތިން ފިލްމެއް އަދި ގެނެސްދޭން އެބައޮތެވެ. އެއީ 2024 އާއި 2026 ގެ އިތުރުން 2028 ގަ އެވެ.