ދަނޑުވެރިކަމަށް ހާއްސަކޮށްގެން ގާއިމުކުރާ ގައުމީ ލެބޯޓަރީ ފެސިލިޓީގެ ބިންގާ މިއަދު ފުވައްމުލަކުގައި އަޅައިފި އެވެ.
އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާގެ އިތުރުން ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގެވެ.
މިނިސްޓްރީން ބުނީ ގޮތުގައި ފުވައްމުލަކުގައި އަޅާ ދަނޑުވެރިކަމާ ގުޅޭ ލެބަކީ ރާއްޖޭގައި އަޅާ މިފަދަ ފުރަތަމަ ލެބެވެ. މިއީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން އެ ޖަމިއްޔާ އިން ތަންފީޒުކުރާ "ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީ" ގެ މަޝްރޫއެކެވެ.

މި ލެބް މައިގަނޑު ގޮތެއްގައި ހާއްސަކުރެވެނީ 4 ކަމަކަށެވެ. އޭގެތެރޭގައި ފަސް ތަހުލީލު ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަކުރެވޭނެ ގޮތްތައް ހޯދުން ހިމެނެ އެވެ.
ލެބްގެ ބިންގާ އެޅުމަށް ފަހު އެ މަސައްކަތް މިނިސްޓްރީން ވަނީ ކައުންސިލަށް ހަވާލުކޮށްފަ އެވެ. އެގޮތުން ކައުންސިލުން އިއުލާންކޮށްގެން ލެބް ހެދުމުގެ އަމަލީ މަސައްކަތްކުރާބެ ބަޔަކު ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި މަސައްކަތް ހަވާލުކުރާތާ 390 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.
މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ އިރު، އެތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ފޯރުކޮށް ދޭނެ އެވެ. އަދި ސީޑްސް ޕްރޮޖެކްޓް ޖަޕާން މަޝްރޫއުގެ ދަށުން ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ އެވެ.