Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އައިޝްވާރިއާގެ "ޕީއެސް 2" އަށް ތާރީހެއް

މި އަހަރު ރިލީޒްކުރި ބަތަލާ އައިޝްވާރިއާ ރާއީގެ ޕޮނިޔިން ސެލްވަން (ޕީއެސް) ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުމަން މި އަހަރުގެ ސެޕްޓެމްބަރު 30 ގައި ގެނެސްދިން ތާރީހީ އެކްޝަން އެޑްވެންޗާގެ ދެވަނަ ބައި ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ އެޕްރީލް 28 އަށެވެ. އެ ތާރީހަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް ސިނަމާތަކަށް ގެންނަން އޮތް ތާރީހެވެ.

ތަމަޅަ ފިލްމެއްގެ ގޮތުގައި ގެނެސްދިން "ޕީއެސް 1" އަކީ މި އަހަރުގެ އެންމެ ރަނގަޅު ވިޔަފާރިއެއް ކުރި އެއް ފިލްމެވެ. ތަމަޅައިގެ އިތުރުން އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ފިލްމު ގެނެސްދިނެވެ. މީގައި އައިޝްވާރިއާ ފެނިފައި ވަނީ ޑަބަލް ރޯލަކުންނެވެ. އަދި "ޕީއެސް 1" އަކީ ކަރަން 2016 ގައި ގެނެސްދިން "އޭ ދިލް ހެ މުޝްކިލް" އަށް ފަހު، އައިޝްވާރިއާ ފެނިގެން ދިޔަ ފުރަތަމަ ފިލްމު ވެސް މެ އެވެ.

މީގެ ކާސްޓްގެ މައިގަނޑު ތަރިންނަކީ އިންޑިއާގެ ދެކުނު ތަރިންނެވެ. އޭގެ ތެރޭގައި ވިކްރަމް، ޖަޔަރަމް ރަވީ، ޓްރިޝާ، ކާތީ، ޖަޔަރަމް، ޕްރަބޫ އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ. މަނީ ރަތުނަމް އަކީ 1997 ގެ "އިރުވަރު" އިން އައިޝްވާރިއާ އަށް އެކްޓިން އަށް ނެރުނު ޑައިރެކްޓަރެވެ.

އޭގެ ފަހުން އެ ދެ މީހުން 2007 "ގުރޫ" އާއި 2010 ގެ "ރާވަން" ގައި ވެސް އެކީގައި މަސައްކަތްކުރި އެވެ.