މި މަހުގެ 16 ގައި ރިލީޒްކުރި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ ބިލިއަން ޑޮލަރު ހުރަސްކޮށްފި އެވެ.
ކުރިން ވެސް ލަފާކޮށްފައިވާ ގޮތަށް ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުން ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ ވިޔަފާރި އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި އުތުރު އެމެރިކާ، ޗައިނާ، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަން، ދެކުނު ކޮރެއާ، އިންޑިއާ، މެކްސިކޯ، އޮސްޓްރޭލިއާ އަދި އިޓަލީ ހިމެނެ އެވެ.
ޑައިރެކްޓަރު ޖޭމްސް ކެމަރޮން 2009 ގައި ގެނެސްދިން "އެވަޓާ" ގެ ސީކްއެލްގެ އާމްދަނީ ބިލިއަން ޑޮލަރު ހުރަސްކުރި އިރު، މިއީ މި ވަރުގެ އާމްދަނީއެއް މި އަހަރު ހޯދި ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" އާއި ކްރިސް ޕްރެޓްގެ "ޖުރަސިކް ވޯލްޑް ޑޮމިނަން" އެވެ.
ޖުމްލަ 170 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓޮޕް ގަން: މެވެރިކް" އަށް 1.488 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި 185 ބިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޖުރަސިކް ވޯލްޑް ޑޮމިނަން" އަށް 1.003 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
"އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަކީ 460 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މިހާރު ދެން އެންމެ ބޮޑަށް ކުރެވޭ އުންމީދަކީ މީގެ ފުރަތަމަ ބައި ހަދާފައި އޮތް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް މުގުރައިލެވޭނެތޯ އެވެ. ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެވަޓާ" އަށް ޖުމްލަ 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.