އައްޑޫގެ ބަސް ސްޓޮޕްތަށް ހިޔާ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައްޑޫއަށް ބަސް ސްޓޮޕްތަށް ފޮނުވުމަށް ބޯޓަށް އަރުވައި އައްޑޫއަށް ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ. މިގޮތުން 21 ބަސް ސްޓޮޕެއް އައްޑޫއަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާއިރު، ހިތަދޫގައި ބަސް ސްޓޮޕްތަކުގެ ބިންގާ އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި ބަސް ސްޓޮޕްގައި ބިންގާ މިހާރު ވަނީ އަޅާފައެވެ.
އައްޑޫގައި ބަހުގެ ޙިދުމަތް ދޭން މެދުކެނޑުމެއް ނެތި ސަރުކާރުން ދޭ ފެށީ އެންމެ ކުރީން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޕީއެލްގެ ދަށުންނެވެ. ނަމަވެސް މިމަސައްކަތް އެމްޓީސީސީ ދަށަށް ބަދަލު ކުރެވި މިއަހަރު މެދުތެރޭ މިނީ ބަސްތައް ސަރުކާރުން ވަނީ ގެނެސްފައެވެ. އަދި އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އަތޮޅު ތަކުގައި ބަހުގެ ޙިދުމަތް ދޭން ވަނީ ފަށާފައެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނީ ދެމެހެއްޓެނިވި ދަތުރު ފަތުރުގެ ނިޒާމެއް ޤާއިމް ކުރުމެވެ. މިމަސައްކަތް ކުރުމަށް އެމްޓީސީސީގެ ބެލުމުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް އުފައްދާފައިވާއިރު ބަހުގެ ޙިދުމަތް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ދެވޭނެ އިންތިޒާމު އެކުންފުނިން ދަނީ ހަމަޖައްސަމުންނެވެ.