ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަން ފެށުމުގެ ކުރިން އިޤުތިޞާދު އޮތް ހާލަތާ ގާތްކުރާ މިންވަރަކަށް ޤައުމުގެ އިޤުތިޞާދު ކުރިއަރާފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި އަހަރަކީ، އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އަހަރެއް ކަމަށާއި ކޯވިޑަށްފަހު އަދި އިރުމަތީ ޔޫރަޕްގައި ފެށިގެންދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އަދި މި އުނދަގޫތައް ހުރަސްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި އާމްދަނީ އިތުރުވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިތުރަށް ފައިސާ ހޯދަންޖެހުނު ނަމަވެސް، މުސްތަޤްބަލް ފެންނަނީ އުޖާލާކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިދަނީ ރަނގަޅުވަމުން. މިހާރު ރާއްޖޭގެ އިޤްތިޞާދު، ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލުވެވިއްޖެ. 2022 ނިމޭއިރު، 12.3 އިންސައްތައިގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ. އަދި 2023 ވަނަ އަހަރުގެ އަންދާޒާއަކީ 7.6 އިންސައްތަ ކުރިއަރާނެ ކަމަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިޤްތިޞާދު ރަނގަޅުވި މައިގަނޑު ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުން ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް މިހާރު ޕްރީ-ޕެންޑަމިކް ލެވެލްއަށް ޓޫރިސްޓުން ރާއްޖެއަށް އަންނަމުންދާ ކަމަށާއި ކޯވިޑަށްފަހު ދުނިޔޭގެ ނިސްބަތުގައި އެންމެބާރު ދުވެއްޔެއްގައި އިޤްތިޞާދު ކުރިއަރާ 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން 2021، 2022 ވަނަ އަހަރުގެ އެންމެ ކުރިއަރައިދިޔަ 5 އިޤްތިޞާދުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރަކީ، ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އުންމީދުތަކެއް ލިބިގެންދާނެ އަހަރެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.