Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ސިޓީ އަށް މޮޅެއް، ހާލަންޑަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑްގެ މައްޗަށް 3-1 އިން މެންޗެސްޓާ ސިޓީން ކުރި ހޯދިއިރު އެޓީމުގެ ފޯވާޑް އާލިންގް ހާލަންޑް ރެކޯޑެއް ހަދައިފި އެވެ.

ރޭގެ މެޗުގައި ހާލަންޑް ކާމިޔާބުކުރި ދެ ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގައި 20 ގޯލު އެންމެ ހަލުވިކަމާއެކު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ހާލަންޑް 20 ގޯލް ކާމިޔާބުކުރީ ލީގުގައި ކުޅުނު 14 މެޗުންނެވެ.

މީގެކުރިން މި ރެކޯޑް އޮތީ ސަންޑަލޭންޑަށް ކުރިން ކުޅުނު ކެވިން ފިލިޕްސްގެ އަތުގަ އެވެ. އޭނާ ރެކޯޑް ގާއިމުކުރީ 21 މެޗުންނެވެ.

ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ހާލަންޑް ދެ ގޯލު ކާމިޔާބުކުރި އިރު މި މެޗުގައި ލީޑްސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ސްޓްރުއިޖިކް އެވެ.

ރޭގެ މޮޅާއެކު ސިޓީ މިހާރު އޮތީ 15 މެޗުން ލިބުނު 35 ޕޮއިންޓާ އެކު ލީގުގެެ ދެވަނައިގަ އެވެ. އެއްވަނައިގައި 40 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ރޭގެ މެޗުން ބަލިވި ލީޑްސް ޔުނައިޓެޑް އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ އެވަޓަންއާ އެވެ.