Last Updated: May 8, 20:35
Wednesday, May 8, 2024
ކުޅިވަރު

ޕީއެސްޖީ މޮޅުކޮށް ދިނީ އެމްބާޕޭ، ނޭމާ އަށް ރަތެއް

ފްރެންޗް ލީގުގައި ރޭ ސްޓްރަސްބޯގް އަތުން 2-1 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ރަތްކާޑު ދައްކައިފި އެވެ.

ވޯލްޑް ކަޕަށްފަހު ފްރެންޗް ލީގުގެ ކުޅުން ރޭ ފަށާފައިވާއިރު މި މެޗުގައި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ޓީމުގައި ހިމެނޭ ޕީއެސްޖީގެ ފޯވާޑް ލިއޮނަލް މެސީ ކުޅެފައެއް ނުވެ އެވެ. ވޯލްޑް ކަޕަށްފަހު މެސީ ޓީމާ އެނބުރި ގުޅޭނީ އަންނަ މަހުގެ ކުރީކޮޅު އެވެ.

ރޭގެ މެޗުގެ 14 ވަނަ މިނެޓްގައި ޕީއެސްޖީގެ ބްރެޒިލް ޑިފެންޑަރު މާކީނޯސް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ނޭމާ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސްޓްރަސްބޯގް އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ޕީއެސްޖީގެ ގޯލު ކާމިޔާބުކޮށްދިން މާކީނޯސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލީޑު ނަގަން ޕީއެސްޖީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު މެޗުގެ 62 ވަނަ މިނެޓްގައި ރެފްރީ ވަނީ ނޭމާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފަ އެވެ. ނޭމާ އަށް ދެވަަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީއެއް ހޯދަން ޑައިވް ކުރުމުންނެވެ.

މެޗުގެ ބާކީބައި ޕީއެސްޖީން 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރަން ޖެހުނުއިރު މި މެޗުން ޕީއެސްޖީ މޮޅުވި ގޯލް މެޗުގެެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

ރޭގެ މެޗުން ލިބުނު މޮޅާއެކު ޕީއެސްޖީން މިހާރު ވަނީ ލީގުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. އެއްވަނައިގައި ޕީއެސްޖީ އޮތީ 44 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ޕީއެސްޖީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 36 ޕޮއިންޓާ އެކު އޮތީ ލެންސް އެވެ.