Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ނަކުލް "ބަޅޭ އައްޗޭ 2" އިން ވަކިވަނީ

މިދިޔަ އަހަރުން ފެށިގެން ސޮނީ ޓީވީން ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީޒަން ދޭކުން އޭގެ ލީޑް ބަތަލު ނަކުލް މެހެތާ ވަކިވާން ނިންމައިފި އެވެ.

ސްޓާ ޕްލަސްގެ "އިޝްގްބާޒް" ވެސް ކުޅުނު 39 އަހަރުގެ އެކްޓަރު ބުނީ ސޮނީގެ ސިލްސިލާ އިން ވަކިވާން ނިންމީ އޭގެ ވާހަކަ މިހާރު ކުރިއަށްދާ ގޮތަށް ބަލާ އިރު، މާ ޝައުގުވެރި އާ ކަންތައްތަކެއް ފެނިގެން ނުދާތީ ކަމަށެވެ. އަދި "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" މިހާރު ކުރިއަށް ދަނީ އެއްވާނެއްގައި އެއްގޮތަކަށް ކަމަށާއި އެކަމާ ހެދި ކުޅޭ ކެރެކްޓާ މަތިން މިހާރު ފޫހިވެފައިވާ ކަމަށް ނަކުލް ބުންޏެވެ.

"މި ސިލްސިލާ ދައްކަން ފެށިތާ ކުރީކޮޅު ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ލޯތްބަކާއި ސަޕޯޓަށް ލިބެމުން އައި. އެކަމަކު މިހާރަކު ބެލުންތެރިންގެ ފަރާތުން މިއަށް މާ ބޮޑު ޝައުގުވެރި ދޭ ކަމެއް ފާހަގައެއް ނުކުރެވޭ،" ހިންދުސްތާމް ޓައިމްސް އަށް ނަކުލް ބުންޏެވެ. "އަހަންނަށް ވެސް މިހާރު ގަބޫލުކުރެވެނީ ވާހަކަ ކުރިއަށްދާ ގޮތަށް ސިލްސިލާ ވަރަށް ފޫހިވެއްޖެ ކަމެއް. އަހަރެން ކުޅޭ ރާމް ކުޅޭ ކެރެކްޓާ އިން ގެނެސްދެވޭނެ އާ ކަމެއް މިހާރަކު ނެތް."

އޭނަ ބުނި ގޮތުގައި ބެލުންތެރިން ދިން ލޯތްބަށް އަބަދު ވެސް ޝުކުރު އަދާކުރާނެ އެވެ. "ބަޅޭ އައްޗޭ ލަގްތޭ ހޭ" ދޫކޮށްލުމަށް ފަހު، ދެން ބޭނުން ވަނީ އަނެއްކާ ވެސް އާ މަސައްކަތެއް ފަށައި އާ ތަޖުރިބާއެެއް ކުރަން ކަމަށް ބުންޏެވެ.

"ބެލުންތެރިން އަހަންނާ ދޭތެރޭ އުންމީދުތަކެއް ވެސް ކުރާތީ ބެލުންތެރިން ބޭނުންވާ ކަހަލަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރަން ބޭނުން ވަނީ." ބޮލީވުޑްގެ ތަރި ރިތިކް ރޯޝަނާ ވައްތަރު ގޮތެއް ހުންނަ އެކްޓަރު ބުންޏެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ކުރިން ހަމަ އެ ނަމުގައި 2011-2014 އަށް ސޮނީން ގެނެސްދިން ސިލްސިލާގެ ދެވަނަ ސީޒަނެވެ. ޖުމްލަ 644 އެޕިސޯޑް ގެނެސްދިން އެ ސިލްސިލާގެ ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރު އެވެ.

މިދިޔަ އަހަރުގެ އޮގަސްޓްގައި ގެނެސްދޭން ފެށި "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގެ 348 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވާ އިރު، މީގެ ބަތަލާ އަކީ "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނާއި "ބިގް ބޮސް 14" ގައި ވާދަކުރި އައިލަވަކިޔުންތެރިޔާ ރާހުލް ވައިދިއާގެ އަންހެނުން ޑިޝާ ޕަރްމަރް އެވެ.