Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ބަންގްލަދޭޝްގައި މެޓްރޯ ރޭލުގެ ހިދުމަތް

ބަންގްލަދޭޝްގައި މުޅިން އަލަށް މެޓްރޯ ރޭލުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބައިބޯ އަދި މަގުތަކުގެ ކާރޫބާރޫ ވެސް އެންމެ ބޮޑު ސިޓީ ކަމަށްވާ ޑާކާގައި މެޓްރޯ ރޭލުގެ ހިދުމަތް ރަސްމީކޮށް އިއްޔެ ފައްޓަވައި ދެއްވީ ބޮޑުވަޒީރު ޝައިހް ހަސީނާ އެވެ. "ލައިން 6" ގެ ނަން ދީފައިވާ ޒަމާނީ ރޭލު ހިދުމަތުން އެންމެ ފުރަތަމަ ގުޅައިލީ އުތާރާ އާއި އަގަރްގާއޯ އެވެ. މިއީ 12 ކިލޯމީޓަރުގެ ރާސްތާއެކެވެ. "ލައިން 6" އިން ގަޑިއަކު 60،000 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

މި މެޓްރޯލާ ރޭލުގެ މަޝްރުއަކީ ޖަޕާނުގެ އެހީގައި ހިންގާފައިވާ މަޝްރޫއެކެވެ. އަދި މި ނިންމަން ގާތްގަނޑަކަށް ހަ އަހަރު ނެގި އެވެ.

ޑާކާގައި މެޓްރޯ ރޭލުގެ ހިދުމަތް އިފުތިތާހުކޮށް ދެއްވުމަށް ފަހު ހަސީނާ ވިދާޅުވީ މިއީ ބަންގްލަދޭޝް އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މީގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ. އަދި މެޓްރޯ ރޭލުގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ފުޅާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރުން އަހަރެމެންމެނަށް މެޓްރޯ ރޭލު ފެންނަނީ ބޭރު ގައުމުތަކުން. އެކަމަކު މިހާރު މި ހިދުމަތް ބަންގްލަދޭޝް އަށް ތައާރަފުވުމަކީ މި ގައުމު ތަރައްގީ އިތުރު ހަރުފަތަކަށް ދިއުން،" ހަސީނާ ވިދާޅުވި އެވެ. "އަދި މިފަދަ ހިދުމަތެއް ފެށުނީތީ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްއާ މެދު ވަރަށް ފަހުރުވެރި ވެސް ވަން."

"ލައިން 6" ގެ ހިދުމަތް އިއްޔެ އިފުތިހާހުކޮށް، މިއަދުން ފެށިގެން އާންމު ދަތުރުފަތުރުތަކަށް އޭގެ ހިދުމަތް ވަނީ ފަށައިފަ އެވެ. މި އެ އޮޕަރޭޓްކުރަނީ ބަންގްލަދޭޝް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން (ބީއާރްޓީސީ) އިންނެވެ.