Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޕަވްނީ ރާއްޖޭގެ އާ އަހަރު ޝޯގައި

ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަތަކިޔާ އިންޑިއާގެ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭ ރާއްޖޭގައި ޕަފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމުރުން 30 އަހަރުގެ ފަންނާނު ރާއްޖޭގައި ޕަފޯމްކުރަން ހަމަޖެހިފައި ވަނީ އާ އަހަރަށް މަރުހަބާ ކިޔަން ޔޫތު މިނިސްޓްރީން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ "މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ބާއްވާ ޝޯގަ އެވެ. އެ ޝޯ ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސިންތެޓިކް ޕާކްގަ އެވެ.

ޕަވްނީ ލަވަކިޔާފައިވާ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އޮގަސްޓް މަހު ގެނެސްދިން "ލައިގާ" އާއި ޝާހްރުކް ޚާންގެ 2016 ގެ "ރައީސް" އާއި ބަތަލާ ކިއާރާ އަދުވާނީގެ ފުރަތަމަ ފިލްމު 2014 ގެ "ފަގްލީ" އާއި ބަތަލާ އަނުޝްކާ ޝަރުމާގެ 2017 ގެ "ފިލޯރީ" އާއި އެ އަހަރު ރިލީޒްވި އަޔޫޝްމަން ކްރާނާގެ "ބެރިލީ ކީ ބަރްފީ" ހިމެނެ އެވެ.

ޕަވްނީގެ އެންމެ މަޝްހޫރު ލަވަ އަކީ "ރައީސް" އަށް ކިޔައިދިން "ލައިލާ މެ ލައިލާ" އެވެ. ސަނީ ލިއޯންގެ ފޯރިގަދަ ނެށުންތަކާ އެކީ އެ ލަވަ އިން ޝާހްރުކް ވެސް ފެނިގެން ދެ އެވެ.

ޕަވްނީ އަކީ ޒީޓީވީގެ "ސާރޭގާމާޕާ ލިލް ޗޭމްޕްސް" އާއި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ.

އާ އަހަރަށް މަރުހަބާ ކިޔަން ހުޅުމާލޭގައި ބާއްވާ ޝޯގައި ރާއްޖޭގެ ފަންނާނުންނާއި ބޭންޑްތައް ވެސް ޕަފޯމްކުރާނެ އެވެ. އޜގެ ތެރޭގައި ހަބޭސް ބޮޑުބެރު، ލެވިޓޭޝަން އަދި ފިއުޝަން ހިމެނެ އެވެ.