Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އެއްވެ އުޅުމުގެ ބިލު މަޑުޖެހިފައި އޮތީ ޝަރީފްގެ ކޮމިޓީގައި!

ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. ވެރިކަމަށް 4 އަހަރު ފުރި ފަސް ވަނަ އަހަރު ގުނަމުންދާއިރު އަދިވެސް މި ވައުދު ވަނީ ފުއްދޭގޮތް ނުވެފައެވެ.

އިއްޔެ ރައީސް ސޯލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ނޫސްވެރިއަކުވަނީ މި ކަމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެހެންނަމަވެސް ރައީސް ސޯލިހް އެ ސުވާލަށް ޖަވާބު ދެއްވީ އެ ކަމަކީ މިހާރު އެމަނިކުފާނުގެ ބާރު ނުހިނގާ ކަމެއްގެ ގޮތުގައެވެ.

މި މައްސަލައިގައި ނޫސްވެރިޔާ ސުވާލު ކުރެއްވުމުން ރައީސް ސޯލިހް ވިދާޅުވީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާހު ކުރުމަށް ބިލެއް މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ސްޓޭޖުގައި އޮތް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެ ބިލު ކޮމިޓީ ސްޓޭޖުގައި އޮތުމުން އެކަމުގައި އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނެތްކަމަށެވެ.

"ކޮމިޓީ ސްޓޭޖުގައި އޮށްވާ ދެން އިތުރަކަށް އަޅުގަނޑު ކޮންކަމެއްތޯ ކުރަންވީ. އެ ފާސްކޮށްފަ އަޅުގަނޑާ ހިސާބަށް ގެނައިމަ ތަސްދީގު ކުރާނަން. އަދި އެކަން އަވަސް ކުރުމަށް ކުރެވެން އޮތްކަމެއްވެސް ކުރާނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ވެރިކަންކުރާ މާލޭގައި އެއްވެއުޅުން ހަނިކުރާ ޤާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅިފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވިއިރު، އެ އިސްލާހަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހެއް ނޫނެވެ. އެ އިސްލާހު ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

2019 އޮގަސްޓް 8 ވަނަ ދުވަހު ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ބިލު، ކޮމިޓީ މަރުހަލާ ނިންމާ މަޖިލީހުގެ ތަޅުމަށް އެއް ފަހަރު ފޮނުވިއެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމުން ނިންމީ ކޮމިޓީގެ ނިންމުން އިސްލާހު ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތުން އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ 2020 ނޮވެމްބަރު 25 ވަނަ ދުވަހުއެވެ. ބިލު އިސްލާހު ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ 56 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ ބިލު މަޖިލީހުން ފާސްކުރުމަށް ނުފެނިއްޖެ ހިނދެއްގައި، އެ ބިލު އިތުރަށް ފުރިހަމަކުރުމަށް، އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އަހަންޖެހޭނެ ކަަމށެވެ. އަދި ބިލު ބާތިލުވާނީ ކޮމިޓީއަށް ފޮނުވުމަށް ފާސްނުވެއްޖެނަމަ ކަމަށެވެ.

ބިލު ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް ނެގުނު ވޯޓުގެ ނަތީޖާ–

އޭގެފަހުން، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މި ބިލު އޮންނަތާ މިހާރު 2 އަހަރު ވަނީ ފާއިތުވެފައެވެ. މި ކޮމިޓީގެ މުގައްރިރަކީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ޝަރީފަކީ، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ މެންބަރެކެވެ.

ވެރިރަށް މާލޭގައި އެއްވުން ހަނިކުރެވޭގޮތަސް ކުރީ ސަރުކާރުން ފާސްކުރި ޤާނޫނޫ ބަދަލުކުރުމުގެ ވައުދު، ވެރިކަމަށް ހަތަރު އަހަރު ވީއިރުވެސް ފުރިހަމަ ނުކުރެވި އޮތުމުން އެކަމުގައި ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.