އައްޑޫ ގަމުގައި ހިންގަމުން އަންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ކޯސް ހަދާ ދަރިވަރުންގެ ތެރެއިން އެ ތަނުގައި ރިފްރެޝަ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެ އެކަޑެމީގައި ޕައިލެޓް ކޯހުގެ ބާކީ ބައި ފުރިހަމަކުރުމަށް ދޫކުރާ ލޯނަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ލޯނަށް އެދުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
މި ލޯނަކީ ކުރިން ގަމުގައި ހިންގި ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުން ދިޔަ ދަރިވަރުންގެ ތެރެއިން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީ ބައި ފުރިހަމަކުރުމަށް ހަދަން ޖެހޭ ރިފްރެޝަ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ދޫކުރާ ލޯނެކެވެ.

މޯލްޑިއަވިން އޭވިއޭޝަން އެކަޑެމި އަކީ ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން އުފެއްދި ފްލައިން ސްކޫލެކެވެ. އެތަނުގައި ޕައިލެޓް ކޯސްތައް ފެށީ އޭއޭއޭ ހުއްޓާލި އިރު، ކޯސް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާ އެކީގަ އެވެ. އޭގެ ތެރޭގައި 35 ދަރިވަރަކު ހިމެނެ އެވެ.
އެގޮތުން އެ ދަރިވަރުން ކޯހުގެ ބާކީ ބައި ފުރިހަމަ ކުރަން ކުރިން ވެސް ދެ ފަހަރެއްގެ މަތިން ލޯނުގެ ފުރުސަތަށް ހުޅުވާލި އެވެ. އަދި ބައެއް ދަރިވަރުން ދާދި ފަހުން ކޮމާޝަލް ޕައިލެޓް ލައިންސް (ސީޕީއެލް) ފުރިހަމަ ވެސް ކޮށްފަ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ހުޅުވާލި ލޯނުގެ ފުރުސަތަށް ލޯނަށް އެދި ފޯމު ހުށަހަޅާނީ myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3026987 އާއި 3026927 އަދި 3026924 ނަމްބަރުން ހޯދޭނެ އެވެ.