ފިލްމެއްގައި ވިލަންއެއްގެ ރޯލް ނުވަތަ ނުބައިބައި މީހެއްގެ ރޯލް ކުޅެލަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރަންބީރު ކަޕޫރު ބުނެފި އެވެ.
ކާމިޔާބް ފިލްމްތަކެއް ކުޅެފައިވާ ރަންބީރު ބުނީ "މިސްޓަ އިންޑިއާ" ގައި އަމްރިޝް ޕޫރީ ކުޅުނު "މޮގަމްބޯ" ފަދަ ނުބައިބައި ރޯލެއް ކުޅުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ.
"ވިލަންއެއްގެ ރޯލް ކުޅެލުމަކީ ވަރަށް މަޖާ އަދި އިިންޓްރަސްޓިން ކަމަކަށް ވާނެ. ސަބަބަކީ ވިލަންގެ ވަށައިގެން އަބަދުވެސް ރީތި އަންހެން ކުދިންނާއި ފައިސާ އާއި މުއްސަނދިކަން ވާނެ،" ރަންބީރު، 30، ބުންޏެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ ކުރީގެ ފިލްްމްތަކުގެ ރީމެކިން ހެދުމުގެ ޓްރެންޑެއް އަށަގެންފައިވާ އިރު، އަޖޭ ދޭވްގަން އާއި ސަލްމާން ހާން ފަދަ ތަރިން ރީމެކިން ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް ރަންބީރު ބުނީ "ރިމެކިންއަކީ ގަބޫލް ކުރާ އެއްޗެއް ނޫން" ކަމަށެވެ.
"އެހެން ބަޔަކު ހަދާފައި އޮތް އެއްޗެއް ހަމަ އެގޮތަށް ހެދުމުގެ ބޭނުމެއް ކޮބާ. އަހަރެން ގަބޫލް ކުރާ އެއްޗެއް ނޫން ރިމޭކިންއަކީ. އަނެއްކާ އަހަރެން ގަބޫލެެއް ނުކުރަން މިސާލަކަށް އަހަރެންގެ ބައްޕަ [ރިޝީ ކަޕޫރު] އަދި އަމީތާބް ކުޅެފައިވާ ރޯލެއް ހަމަ އެގޮތަށް ކުޅެ އެ ރޯލަކަށް އިންސާފު ކުރެވޭނެ ކަމަކަށް،" ބަރްފީ އާއި ރޮކްސްޓާ ފަދަ ފިލްމްތަކުން ފެނިފައިވާ ރަންބީރު ބުންޏެވެ. "އެހެންވީމަ އެއަށް ވުރެ މާ ރަނގަޅު ވާނެ މުޅިން އާ އެއްޗެއް އާ ހިޔާލެއްގެ މައްޗަށް ހެދިއްޔާ."
ރަންބީރުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޔޭ ޖަވާނީ ހޭ ދީވާނީ"، "ބޭޝަރަމް" އަދި "ބޮމްބޭ ވެލްވެޓް" ހިމެނެ އެވެ.