ބޮލީވުޑްގެ ތަރި ކާތިކް އާރިއަން ޕައިލެޓެއްގެ ރޯލު ކުޅޭ ގޮތަށް މިދިޔަ އަހަރު އިއުލާންކުރި ފިލްމު "ކެޕްޓަން އިންޑިއާ" ނަހަދަން ނިންމާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އާއި ކުރީގެ އެކްޓަރު ހަރްމަން ބަވޭޖާ ގުޅިގެން ޕްރޮޑިއުސްކޮށް، ހެންސަލް މެހެތާ ޑައިރެކްޓްކުރާ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިއުލާންކުރި ފިލްމެކެވެ. އޭރު "ކެޕްޓަން އިންޑިއާ" ގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކާލި އެވެ.
ނަމަވެސް މި ފިލްމު އިއުލާންކުރި ފަހުން އެއާ ބެހޭ މާ ބޮޑު އަޕްޑޭޓެއް ނެތެވެ. އަދި ކާތިކާއި ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ވެސް ފިލްމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިހާރު ނިންމާފައި އޮތީ "ކެޕްޓަން އިންޑިއާ" ނަހަދާށެވެ. އަނެއްކޮޅުން ކާތިކާއި ހެންސަލް ވެސް އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީކޮށް އުޅޭތީ މި ފިލްމަށް ވަގުތު ހުސްކުރަން ދަތިވެފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް "ކެޕްޓަން އިންޑިއާ" ނަހަދަން ނިންމިކަން އެ ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ހެންސަލް ދާދި ފަހުން ވަނީ އިނގިރޭސިވިލާތުގައި ކަރީނާ ކަޕޫރާ އެކީ ތުރިލާއެއްގެ މަސައްކަތް ނިންމައިފަ އެވެ.
ބޮލީވުޑްގެ މި ވަގުތު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޝެހެޒާދާ"، "ސަތިއަޕްރޭމް ކީ ކާތާ"، "އާޝިގީ 3"، "ހީރާ ޕޭރީ 3" އަދި ޑައިރެކްޓަރު ކަބީރް ޚާންގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.
ކާތިކްގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ "ފްރެޑީ" އާއި "ބޫލް ބުލައްޔާ 2" އެވެ.