Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޕެލޭ މަރާ ގުޅިގެން ގައުމީ ހިތާމައިގެ 3 ދުވަސް

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވުމުން އެ ގައުމުގައި ގައުމީ ހިތާމައިގެ ގޮތުގައި ތިން ދުވަސް ކަނޑައަޅައިފި އެވެ.

ޕެލޭ ،82، މަރުވީ ބްރެޒިލްގެ ވެރިރަށް ސައޮޕާލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލަށެވެ.

ޕެލޭ މަރުވިއިރު މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން ހަޖަމްކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ. އަދި މިދިޔަ މަހުގެ 29 އިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޕެލޭ އަށް ދިޔައީ ފަރުވާ ދެމުންނެވެ.

ބްރެޒިލްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޕެލޭ މަރުވުމާ ގުޅިގެން މުޅި ގައުމުގައި ގައުމީ ހިތާމައިގެ ގޮތުގައި މިއަދުން ފެށިގެން ތިން ދުވަސް ކަނޑައަޅާ ކަމަށެވެ. ޕެލޭ މަރުވުމާ ގުޅިގެން މުޅި ފުޓްބޯޅައިގެ އާއިލާ އާއި ދުނިޔޭގެ ތަފާތު އެކި ޝަހުސިއްޔަތުތަކުން އަންނަނީ ހިތާމަ ފާޅުކޮށް މެސެޖްތައް ފޮނުވަމުންނެވެ.

ޕެލޭ އަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ކިޑްނީގެ މައްސަލައެއްގައި ޕެލޭ ހޮސްޕިޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައި ވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓްކުރި އެވެ.

ޕެލޭ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1،281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައި ވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.

ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.